އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ފޮރިން މިނިސްޓްރީ ކުރިމަތީގައި ކުރި މުޒާހިރާގައި, އިސްރާއީލު މީހުން ރާއްޖެއަށް އައުން މަނާކޮށްދިނުމަށް އެދި ފާޅުކުރި ޝުއޫރުތަކަށް އާ ފޮރިން މިނިސްޓަރ މޫސާ ޒަމިރު ޖަވާބެއް ނުދެއްވިއެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލުގެ ރައްޔިތުންގެ ޕާސްޕޯޓު ރާއްޖެއިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރަން ގޮވާލައި ސިލްސިލާކޮށް، ކުރަމުންދާ މުޒާހަރާގައި މިއަދު އެންމެ ފުރަތަމަ ކުރިޔަށް ދިޔައީ ރައްޔިތުންގެ މަޖިލިސް ކުރިމަތީގައެވެ. މަޖިލިސް ކުރިމަތީގައި ކުރިޔަށްދިޔަ މުޒާހިރާގެ ބައިވެރިންނާ ބައްދަލުކޮށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ މަޖިލިހުގައި އޮތް އިސްރާއީލާ ދެކޮޅު ގަރާރު އަވަސް ކޮށްދޭނެ ކަމަށް ބުނެފައެވެ.
އެއަށްފަހު މުޒާހިރާގެ ބައިވެރިން ދެން ދިޔައީ ފޮރިން މިނިސްޓްރީ ކައިރިއަށެވެ. އަދި މުޒާހިރާގެ ބައިވެރިން މިނިސްޓަރ ޒަމީރުއާއި ބައްދަލުކުރުމަށް އެދުމުން ޒަމީރު ބޭރަށް ނިކުންނަވާ މުޒާހިރާގެ ބައިވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައި ވެއެވެ. އެހެންނަަމަވެސް, އިސްރާއީލުގެ ޕާސަޕޯޓު މިސަރުކާރުން މަނާކޮށްދިނުމަށް އެދި މުޒާހިރާގެ ބައިވެރިން ކުރި ޑިމާންޑްތަކަށް ޖަވާބުދޭން ޒަމީރު ދެކޮޅު ހެއްދެވިއެވެ.
އޭގެ ބަދަލުގައި ޒަމީރު ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިންވެސް ގޮވާލާ ކަމުގައެވެ. އަދި ތަކުރާރުކޮށްވެސް, އިސްރާއީލުގެ ފަތުރުވެރިންނާ ރާއްޖެ އައުން މަނާކޮށްދިނުމަށް އެދޭކަމަށް މުޒާހިރާގެ ބައިވެރިން ބުނުމުންވެސް އެ ސުވާލަށް ޒަމީރު ޖަވާބު ދެއްވާފައެއް ނުވެއެވެ.
އޭގެ އިތުރަށްވެސް އިސްރައީލުގެ އުދުވާން ކުށްވެރިކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނެތީ ކީއްވެތޯވެސް މުޒާހިރާގެ ބައިވެރިން ސުވާލު ކޮށްފައި ވެއެވެ. މުޒާހިރާ ބައިވެރިންގެ މި ސުވާލަށްވެސް މިނިސްޓްރ ޒަމީރު ޖަވާބު ދެއްވާފއެއް ނުވެއެވެ.
މިހާރުގެ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ދެއްވި އިފްތިތާހީ ތަގުރީގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އަދި ފަލަސްތީނާއި ގުޅުންހުރި އެއްވެސް ވާހަކައެއް ގެނެސްފައި ނުވާތީ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ރައްޔިތުންގެ ގިނަ ބަޔަލު އިސްރާއީލު މީހުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލަމުން ދާއިރުވެސް ރައްޔިތުންގެ ޑިމާންޑްތަކަށް މި ސަރުކާރުން އިޖާބަ ދީފައި ނުވާއިރު, މިމައްސަލާގައި މިސަރުކާރުގެ ސިޔާސަތުވެސް ހާމަކޮށްފައެއް ނުވެއެވެ.