ވޯޓު ލާންވީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށް ރައީސް ސޯލިހް ދެންނެވިއެވެ. ވޯޓުލާންވީ، މި ދޭ ގޯއްޗާއި ފްލެޓްތަކާއި އެކު އަމާން ދިވެހިރާއްޖެއެއް ހޯދުމަށް ކަމަށް އެމްޑީޕީ ކެމްޕެއިނުން ދެންނެވިއެވެ. މުއިއްޒު ވެރިކަމަށް ހޮވިއްޖެ ނަމަ، ގޯއްޗާއި ފްލެޓް ތެރެއަށް އަތް ބާނައި ބަދަލުތައް ގެންނާނެ ކަމަށް އެމްޑީޕީ ޕްރެސް ކޮންފަރަންސް ތަކުގައި ތަކުރާރު ކޮށް ދިޔައީ ބުނަމުންނެވެ. ގޯތި ލިބުމުންވެސް، ޝުކުރުވެރި ނުވެ މުއިއްޒަށް ވޯޓުލައިގެން މުއިއްޒު ހޮވި މާލެ މީހުންނަށް މޮޅުތަކެއް ވެއްޖެތޯއެވެ؟ ފްލެޓް ލިބުމުންވެސް، ޝަކުވާ އިތުރު ކޮށް، މުއިއްޒަށް ވޯޓު ދިން މީހުންނަށް މޮޅުތަކެއް ވެއްޖެތޯއެވެ.
ކަނޑައެޅިގެން ވަކި އިންސާފުވެރިކޮށް، ހާލަތު ބަލައިގެން ފްލެޓް ނުދޭނޭ ކަމަށް ޓީވީގައި ލައިވްކޮށް ބުނި އަޑު އިވިއްޖެއެވެ. ހާލަތު ނުބަލައި، ޕޯޓަލްގައި ހުރި މައުލޫމާތަށް ފްލެޓް ދީގެން ހިތްހަމަ ނުޖެހިގެން މުއިއްޒަށް ވޯޓުދިން މީހުންނަށް ވީ މޮޅެއްވެސް ހަމަ ނެތެވެ!
ގޯއްޗެއް ފްލެޓެއް ދެން ލިބުނަސް ލިބޭނީ ޑރ. ހަލީލުގެ އާއިލާގެ ބޭފުޅުންފަދަ ބޭފުޅުންނަށެވެ. އޭރުވެސް، މުއިއްޒު ހެއްދެވީ އެހެންނެވެ! އެވާހަކަވެސް އެމްޑީޕީއިން ހަނދާން ކޮށްދިނެވެ. މުއިއްޒު އިސްވެހުރެ، ގުޅީފަޅުން މީހުން ނެރެ ބޭރުކުރި ވާހަކަވެސް ހަނދާން ކޮށްދިނެވެ. ނަމަވެސް ވޯޓު ކަރުދާހުގައި ގިނަ މީހުން ފާހަގަ ޖެހީ ނަމްބަރު 4 މުއިއްޒަށެވެ. މޮޅުތަކެއް ވެއްޖެތޯއެވެ؟
ގޯތި ލިބުނު މާލޭ މީހުން، ރަޖިސްޓްރީ ކުރުމުންވެސް އެ ސަހައް ނުވާނެ ކަމަށް، މިއަދުގެ ޕްރެސްގައި ވިދާޅުވިއެވެ. ފްލެޓްތައް ލިބުނު މީހުން އަލުން ފްލެޓްތަކަށް ކުރިމަތި ލާން ޖެހިދާނެ ކަމަށްވެސް ވެރިކަން ލިބުނުތާ 3 ވަނަ އަށް ވީދުވަހު އެ ވިދާޅުވީއެވެ. ކިތަންމެ ކުރިން ދީފައި ހުރި، ފްލެޓެއް ކަމަށް ވިއަސް، ތިމަންނާމެން ބަލާ ބެލުމުން ދޭން ނުފެނިއްޖެ ހާލަތެއްގައި ފްލެޓެއް ނުލިބޭނޭ ކަމަށް ވެސް ހަމަ އެބުނީއެވެ. ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ވެރިކަމަށް އައުމުގެ ކުރިން ދިނީ ޔަގީންކަމެވެ. ވެރިކަމަށް އައުމުން އެ ޔަގީންކަން ގެއްލުވާލީއެވެ.
މިއީ ކުރިންވެސް އެމްޑީޕީއިން ދެއްކި ވާހަކައެވެ. ކަންހިނގާނީ މި ބީދައިން ކަމަށް ނުބުނަން ތޯއެވެ؟ މުއިއްޒަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިއީ ޤައުމީ ބަތަލުން ތަކެކެވެ. މިއަދު ހައުސިންގ މިނިސްޓަރ ވިދާޅުވީ، މިއީ ތިބޭފުޅުން ރާއްޖެ ކުރިއަށް ގެންދަންވީ ގޮތްކަމަށް ބުނެ އިންޑިކޭޝަން ދެއްވި ގޮތް ކަމަށެވެ.