ޚަބަރު

"ފަންކްޝަނަލް ސަކްސީޑް މޮޑެލް" އަކީ ސްޕޯޓްސް ޓުއަރިޒަމާއި މެޑިކަލް ޓުއަރިޒަމް: އަބުދުއްރަހީމްގެ ދަރިފުޅު

ދިޔަވަރު
"ފަންކްޝަނަލް ސަކްސީޑް މޮޑެލް" އަކީ ސްޕޯޓްސް ޓުއަރިޒަމާއި މެޑިކަލް ޓުއަރިޒަމް: އަބުދުއްރަހީމްގެ ދަރިފުޅު

އާ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު, ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން ރައީސް މުއިއްޒު އުފެއްދެވި "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން, ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ރާއްޖެއަށް ސްޕޯޓުސް ޓުއަރިޒަމްއާއި މެޑިކަލް ޓުއަރިޒަމް ތައާރަފް ކުރުން ކަމުގައި, އަބުދުއްރަހީމްގެ ދަރިފުޅު އަދި މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމްގެ ދަރިފުޅު އިޝާރާތް ކުރެއްވި "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ކޮބައިކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަދި އެއީ ކޮންމާނައެއްގައި އިނގިރޭސި ބަހުން (ބަހުގެ މާނަ ސާފު ނުވާގޮތަށް) ވިދާޅުވި އިބާރާތެއްކަމެއްވެސް ސާފުވެފައެއް ނުވެއެވެ. ހަމައެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިންނާއި, ރިސޯޓުތަކުގެ ކުއްޔާއި ޓެކުހާއި, ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށްޓަކާ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމެއްގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެވިދާނެ ގިނަގުނަ ބަދަލުތަކެއް ހުއްޓާ, "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ސްޕޯޓްސް ޓުއަރިޒަމާއި މެޑިކަލް ޓުއަރިޒަމްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދެއްކެވި ސަބަބުތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ އޭނާއަށް ސުވާލުތައް އަމާޒުކޮށް އަދި ފާޑުވެސް ކިޔަމުންނެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި, "ފަކްޝަނަލް ސަކްސީޑް މޮޑެލް"އެއްގެ ވަހަކަ ކަމަށް ވިދާޅުވެ އެމޭރުމުން އަބުދުއްރަހީމްގެ ދަރިފުޅަށް ވާހަކަ ދައްކަވަން ޖެހުނީ, ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންނެތް, އަދި އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް ފަރާތަކުން, ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފަދަ މުހިންމު ސިނާއަތެއްގެ ކުރިއެރުމާއި ގުޅޭގޮތުން ކުއްލިއަކަށް ވާހަކަ ދައްކަން ޖެހުމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ 6 ބިލިއަން ރުފިޔާއަށް މައްޗަށް ޖެއްސުމަށް އޮތް ހަމައެކަނި ގޮތަކީ މެޑިކަލް ޓުއަރިޒަމާއި ސްޕޯޓްސް ޓުއަރިޒަމް ކަމަށް އަބުދުއްރަހީމްގެ ދަރިފުޅު ވިދާޅުވިއިރު, ރާއްޖެއަކީ އަދިވެސް މަތީ ފަންތީގެ ސިއްޙީ ފަރުވާ ލިބެން ނެތް ތަނެއްކަމަށްވެސް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. ހަމައެއާއެކު ސްޕޯޓުސް ޓުއަރިޒަމް ތައާރަފް ކުރާ ވާހަކަ ދެއްކެވިއިރު ރާއްޖެއަކީ އަދިވެސް މަތީފަންތީގެ ކުޅިވަރެއް ބޭއްވޭނެ ފަދަ ވަސީލަތްތަކެއް ގާއިމް ކުރެެވިފައި ނުވާ ގައުމެއްކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އަބުދުއްރަހީމްގެ ދަރިފުޅު ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކުރުމަށް ނިންމުމާއެކުވެސް ގިނަބަޔަކު ވަނީ ރާއްޖޭގެ އިގްތިސާދަށް މުހިންމު, މަލްޓި ބިލިއަން ޑޮލަރުގެ މި އިންޑަސްޓްރީ ބެހެއްޓޭނެ ގާބިލްކަން އޭނާގެ ކިބާގައި ނުހުންނާނެކަމަށް ބުނެ ފާޑުކިޔާފައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ބުނާ ގޮތުގައި އޭނާ ޓުއަރިޒަމް މިނިސްޓްރީއަށް އައްޔަން ކޮށްފައިވަނީ އަބުދުއްރަހީމް ބޭނުންވާ މިނިސްޓްރީއެއް ދޭން މުއިއްޒު ވައުދުވެ, އަދި އެންމެ ގިނައިން ޖީބަށް ފައިސާ ލެވޭނީ އެ ވުޒާރާ ލިބިގެންކަމަށް އަބުދުއްރަހީމަށް ގަބޫލު ކުރެވިގެންމެވެ.