ޚަބަރު

"ވިޒިޓާ އިކޮނޮމީ ކައުންސިލް" އުފައްދަން ޖެހުނީ އަބުދުއްރަހީމްގެ ދަރިފުޅަށް ޓުއަރިޒަމް ނުހިންގޭނެކަމަށް މުއިއްޒުއަށް ގަބޫލު ކުރެވިގެން: އޮފިޝަލް

ދިޔަވަރު
"ވިޒިޓާ އިކޮނޮމީ ކައުންސިލް" އުފައްދަން ޖެހުނީ އަބުދުއްރަހީމްގެ ދަރިފުޅަށް ޓުއަރިޒަމް ނުހިންގޭނެކަމަށް މުއިއްޒުއަށް ގަބޫލު ކުރެވިގެން: އޮފިޝަލް

ރައީސް މުއިއްޒު ސަރުކާރާ ހަވާލުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަ ކޮށްގެން "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހުނީ ފަތުރުވެރިކަމުގެ ދާއިރާފަދަ ރާއްޖޭގެ އިގްތިސާދަށް މުހިންމު އަދި މަލްޓި ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތެއް ކަމިޔާބު ކަމާއެކު ހިންގުމުގެ ގާބިލްކަން އަބުދުއްރަހީމްގެ ދަރިފުޅުގެ ކިބައިގައި ނުހުންނާނެކަމަށް ޑރ. މުއިއްޒުއަށް ގަބޫލު ކުރެވިގެން ކަމުގައި, މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި, މި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން ގޮތުގައި އަބުދުއްރަހީމްގެ ދަރިފުޅު ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކުރުމަށް ނިންމުމާއެކުވެސް ގިނަބަޔަކު ވަނީ ރާއްޖޭގެ އިގްތިސާދަށް މުހިންމު, މަލްޓި ބިލިއަން ޑޮލަރުގެ މި އިންޑަސްޓްރީ ބެލެހެއްޓޭނެ ގާބިލްކަން އޭނާގެ ކިބާގައި ނުހުންނާނެކަމަށް ބުނެ ފާޑުކިޔާފާ ކަމުގައެވެ. އަދި އެ ފާޑު ކިޔުންތަކާއެކު, އެ މިނިސްޓްރީ އޭނާއާއި ހަވާލު ނުކުރުމަށްވެސް އިންޑަސްޓްރީގެ އިސް ފަރާތްތަކުން މުއިއްޒުއަށް ދެންނެވިކަމަށްވެސް "ދިޔަވަރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އަބުދުއްރަހީމްގެ ދަރިފުޅު ޓުއަރިޒަމް މިނިސްޓްރީއަށް އައްޔަން ކޮށްފައިވަނީ އަބުދުއްރަހީމް ބޭނުންވާ މިނިސްޓްރީއެއް ދޭން މުއިއްޒު ވެފައިވާ ވައުދު ފުއްދަން މުއިއްޒުއަށް މަޖުބޫރުވެގެން ކަމުގައިވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. ހަމަ އެއާއެކު "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އަބުދުއްރަހީމް ޓުއަރިޒަމް މިނިސްޓްރީ އިޚްތިޔާރު ކުރި ސަބަބަކީ އެންމެ ގިނައިން ޖީބަށް ފައިސާ ލެވޭނެ ވުޒާރާއަކީ އެއީކަމަށް ގަބޫލު ކުރެވިގެން ކަމުގައެވެ.

ސަރުކާރުގެ ވަޒީރުން މަގާމްގެ ހުވާ ކުރެއްވުމާއެކު ރައީސް މުއިއްޒުވަނީ "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދާ އެ ކައުންސިލް އެމަނިކުފާނު ޗެއަރ ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ކޯޗެއަރކަންވެސް އަބުދުއްރަހީމްގެ ދަރިފުޅަށް ނުދެއްވާ ކޯ ޗެއަރއަކަށްވެސް ހަމަޖައްސާފައިވަނީ އިކޮނޮމިކް މިނިސްޓަރ ސައީދުއެވެ. އަދި ރައީސް މުއިއްޒުވަނީ އެ ކައުންސިލްގެ ޒިންމާގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމާއި, ރަށްތައް ކުއްޔަށް ދިނުމާއި, އެނޫނަސް ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ހުރި ގިނަ ކަންކަން ހިމަނާފައެވެ.

"ދިޔަވަރު" ނޫހަށް މައުލޫމާތި ދިން އޮފިޝަލް ވިދާޅުވި ގޮތުގައި "ވިޒިޓަރ ކައުންސިލް"ގެ ހުއްދަ އޮވެގެން މެނުވީ މުހިން ބޮޑެތި ނިންމުންތައް ނުނިންމޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

އާ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު, ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން ރައީސް މުއިއްޒު އުފެއްދެވި "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން, ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ރާއްޖެއަށް ސްޕޯޓުސް ޓުއަރިޒަމްއާއި މެޑިކަލް ޓުއަރިޒަމް ތައާރަފް ކުރުން ކަމުގައި, އަބުދުއްރަހީމްގެ ދަރިފުޅު ވަނީ ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމްގެ ދަރިފުޅު އިޝާރާތް ކުރެއްވި "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ކޮބައިކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަދި އެއީ ކޮން މާނައެއްގައި އިނގިރޭސި ބަހުން (ބަހުގެ މާނަ ސާފު ނުވާގޮތަށް) ވިދާޅުވި އިބާރާތެއްކަމެއްވެސް ސާފުވެފައެއް ނުވެއެވެ. ހަމައެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިންނާއި, ރިސޯޓުތަކުގެ ކުއްޔާއި ޓެކުހާއި, ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށްޓަކާ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމެއްގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެވިދާނެ ގިނަގުނަ ބަދަލުތަކެއް ހުއްޓާ, "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "ފަންކްޝަނަލް ސަކްސީޑް މޮޑެލް"އަކީ ސްޕޯޓްސް ޓުއަރިޒަމާއި މެޑިކަލް ޓުއަރިޒަމްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދެއްކެވި ސަބަބުތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ އޭނާއަށް ސުވާލުތައް އަމާޒުކޮށް އަދި ފާޑުވެސް ކިޔަމުންނެވެ.