ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު މިއަދު އުވާލައްވާފައިވަނީ، އެއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ބުނެއެވެ. އަދި އެހެންކަމުން އެއީ ނަހަމަ ގޮތުގައި ދީފައިވާ ފައިސާ ކަމަށް ރައީސް މުއިއްޒު ވަނީ X ގައި ޕޯސްޓެއް ކޮށްފައެވެ.
ސަރުކާރުން އެނިންމެވި ނިންމެވުމަކީ، މިސަރުކާރުގެ ސިޔާސީ ބަންޑާރަނައިބުގެ ޤާނޫނީ ލަފާފުޅުގެ މައްޗަށް ރިޔާއަތްކޮށް ނިންމެވި ނިންމެވުމެކެވެ. އެކަމާއި ގުޅިގެން ގާނޫނީ ގޮތުން ދެއްކެވެން ހުރި ވާހަކަތަކާއި، ސަރުކާރުން އެ ހެއްދެވި ގޯހުން، ސަރުކާރަށް ލިބޭނެ ގެއްލުންތަކުގެ ވާހަކަ ފަހަށް ބަހައްޓަމާތޯއެވެ.
ނޫމަޑީ މައްސަލައަކީ ރައްޔިތުންނަށް އާ މައްސަލައެއް ނޫނެވެ. ނޫމަޑި ކުންފުންޏާއި އެކު 600 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ސޮއެ ކޮށްފައިވަނީ 20 ޖެނުއަރީ 2011 ގައެވެ. އަދި އިތުރު 500 ހައުސިންގ ޔުނިޓް އެޅުމަށް 30 ޖެނުއަރީ 2011 ގައި ނޫމަޑި ކުންފުންޏާއި އެކު ސޮއެކުރުވުނެވެ. އަދި ހަވާލު ކުރެވުނު މަސައްކަތުގެ ބަދަލުގައި އެކުންފުންޏަށް ޓުއަރިސްޓް ރިސޯޓެއް ތަރައްޤީ ކުރަން ރަށެއް ދިނުމަށް އެއްބަސްވެ ސޮއެކުރެވުނެވެ.
7 ފެބްރުއަރީ 2011 ގައި ސަރުކާރު ބަދަލުވެ، ހައުސިންގ މިނިސްޓަރުކަމަށް ދެން ވަޑައިގެންނެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުންތަކަކަށް ވުމުން، އެ މަޝްރުޢުތައް ކުރިއަށް ނުގެންގޮސް ހުއްޓުލުމަށް ރައީސް ޔާމީނުގެ ފަރާތުން މުއިއްޒަށް އެންގެވިއެވެ. އެއާއިއެކު އެކުންފުންޏަށް ރިސޯޓު ހެދުމަށް ހަވާލުކޮށްފައިވާ ރަށް ސަރުކާރުން އަތުލައި އެގްރިމެންޓް ބާތިލު ކޮށްލިއެެވެ. އެގްރިމެންޓް ބާތިލު ކުރުމުގެ ކުރިން މުއިއްޒުގެ އަމިއްލަ މަސްލަހަތު އިސްކޮށް، އެކުންފުންޏަށް ބަދަލު ނަގައި ދިނުމުގައި މުއިއްޒުގެ އެހީތެރިކަން ފޯރުކޮށްދޭނޭކަމަށް ބުނެ އެކުންފުންޏާއިއެކު މުއިއްޒު ސިއްރު އެއްބަސް ވުމަކަށް އައެވެ. ކަން ހިނގާ ދިޔައީވެސް އެމަގުންނެވެ.
ނޫމަޑި ކުންފުނިން، ނެދަލެންޑްސްގެ ދަހޭގުގައި ހުންނަ ބައިނަލް އަގުވާމީ އާބިޓްރޭޝަން ކޯޓަށް، ދިވެހި ދައުލަތާއި ދެކޮޅަށް މައްސަލަ ހުށައެޅިއެވެ. މައްސަލަ ހުށައެޅުމުން، ނޫމަޑިއައީ ކުރިން އެއްބަސްވި ގޮތަށް ދަހޭގުގެ ކޯޓަށް، މުއީއްޒު ލިޔުމުން ސޮއެކޮށް ދެއްވި ހެކިންގެ ބަޔާނުގައި ވަނީ ސަރުކާރުން އެއްބަސްވުން އުވާލާފައިވަނީ ގޯސްކޮށް ކަމަށެވެ. މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި، މުއިއްޒުގެ ބައިވެރިވުން ހިމެނިގެން އެ އެއްބަސްވުން އުވާލާފައި ވަނީ، ގޯސްކޮށް ކަމަށް މުއިއްޒު ބައިނަލްއަޤުވާމީ ކޯޓެއްގައި ދައުލަތާއި ދެކޮޅަށް ހެކިބަސް ދިނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކޯޓު މެދުވެރިކޮށް 155 މިލިއަން ޑޮލަރު ހޯދުމަށް އެކުންފުންޏަށް ހުރިހާ މަގެއް ފަހިވެގެން ދިޔުމެވެ. އެހެންކަމުން ސަރުކާރަށް މަޖުބޫރުވީ ނޫމަޑިއާއި އެކު މަޝްވަރާކޮށް، އެމައްސަލަ ކޯޓުން ބޭރުން ނިންމުމަށެވެ. އަދި 155 މިލިއަން ޑޮލަރުގެ ބަދަލުގައި، ސަރުކާރުން ނޫމަޑިއާއި ދެމެދު ދިޔަ ޤާނޫނީ މަޝްވަރާގެ ތެރެއިން އެއަދަދު، 55 މިލިއަން ޑޮލަރަށް ކުޑަކޮށް ބަދަލުގެ ގޮތުގައި ނަގާދޭންޖެހުނު ފައިސާ ދައުލަތުގެ ބަޖެޓުން ދިނެވެ. މި ފައިސާގެ ތެރެއިން މުއިއްޒަށް 20 މިލިއަން ޑޮލަރު ނޫމަޑިއާއި އެކު ހެއްދެވި ސިއްރު ޑީލުގެ ތެރެއިން ލިބިގެން ދިޔަކަމަށްވެއެވެ.
ދައުލަތަށް އެހާ ބޮޑު ގެއްލުމެއް ލިބޭހެން ބައިނަލް އަގުވާމި ކޯޓެއްގައި މުއިއްޒު އެފަދަ ބަޔާނެއް ދިނުމުން، ސަރުކާރުން އެމައްސަލަ ބެލިއެވެ. 23 ފެބްރުއަރީ 2020 ގައި މި މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައި، ދޮގު ހެކިބަސް ދިނުމުގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅިއެވެ. މުއިއްޒު ދީފައިވަނީ ދޮގު ހެކި ބަހެއް ގޮތުގައި ބެލެވެން ނެތުމުން މައްސަލަ ނިމުނީ މުއިއްޒަށް ކާމިޔާބު ވެގެންނެވެ. ގެއްލުންވީ ދައުލަތަށާއި ރައްޔިތުންނަށެވެ. ބަދަލުގެ ގޮތުގައި ފައިސާ ލިބުނީ ނޫމަޑިއަށެވެ. ނޫމަޑިން ނުހައްޤު ނަހަމަ ފައިސާ ލިބުނީ މުއިއްޒަށެވެ.
ކަން މިހެން އޮތުމުން، ގެއްލުމުގެ ބަދަލު ހޯދައިގެން އެންމެ ބޮޑު ފައިދާއެއްވި އެއް ފަރާތަކީ މުއިއްޒުއެވެ.