ޚަބަރު

މުންދުއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ނުލިބޭކަން އެނގުނީ ކޯޓު ފަޓުލޫނުގަަ މަގާމާ ހަވާލުވާން ރައީސް އޮފީހަށް ގޮސް އިންދާ

ދިޔަވަރު
މުންދުއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ނުލިބޭކަން އެނގުނީ ކޯޓު ފަޓުލޫނުގަަ މަގާމާ ހަވާލުވާން ރައީސް އޮފީހަށް ގޮސް އިންދާ

ރައީސް މުއިއްޒުގެ ސަރުކާރުން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު)އަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ނުލިބޭނެކަން އެނގުނީ އެމަގާމާ ހަވާލުވާން ކޯޓު ފަޓުލޫނުގައި ރައީސް އޮފީހަށް ދިޔަފަހުންކަން "ދިޔަވަރު" ނޫހަށް ކަށަވަރު ވެއްޖެއެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު "ދިޔަވަރު" ނޫހަށް ކިޔައިދިން ގޮތުގައި ރައީސް މުއިއްޒު މަގާމާ ހަވާލު ވުމަށްފަހު ރައީސް އޮފީހަށް މިނިސްޓަރުން އައްޔަން ކުރައްވާނެކަމަށް މީޑިއާގައި އާންމު ވެގެން ދިޔަ ލިސްޓުގައި މުންދުގެ ނަން ހިމެނިގެން ދިޔައީ އެލިސްޓުގައި މުންދުގެ ނަން އޭރު އޮވެގެނެއް ނޫނެނެވެ. އެހެންނަމަވެސް ރައީސް އޮފީހުގެ ތެރެއިން އެކުލަވާލެވުނުކަމަށް ބެލެނޭ ލިސްޓެއްގައި މުންދުގެ ނަން އޮވެގެން މަގާމުގެ ފަތްކޮޅާއި ހަވާލުވުމަށް ރައީސް އޮފީހުންކަމަށް ބެލޭ ކޮންމެވެސް ފަރާތަކުން މުންދުއަށްވެސް ގުޅައިގެން މުންދު ކޯޓު ފަޓުލޫނުގައި މަގާމާ ހަވާވާން ރައީސް އޮފީހަށް ދިޔައެވެ.

އެ ދުވަހަކީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާ ޖުމުހޫރީ ޕާޓީގެ ކުރީގެ މެމްބަރު އަލީ އާރިފްއާއި އަދި އެ ނޫން ބައެއް ބޭފުޅުންވެސް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަންކޮށް ފަތްކޮޅު ހަވާލު ކުރި ދުވަސްކަމަށްވެސް, ނަން ހާމަކުރުމަށް ނޭދޭ, ރައީސް އޮފީހުގެ އޮފިޝަލް "ދިޔަވަރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

އޮފިޝަލް މައުލޫމާތު ދިން ގޮތުގައި, މުންދު ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ހަވާލުވާން ކޯޓު ފަޓުލޫނުގައި ރައީސް އޮފީހަށް ގޮސް, މަޑުކޮށްގެން އިންތާ އެތައް އިރެއް ވީއުރުވެސް ފަތްކޮޅާއި ހަވާލުވާ ދާން މުންދުއަށް އަންގާފައެއް ނުވެއެވެ. އަދި މުންދު ރައީސް އޮފީހުގައި އިންނަތާ ގިނަ އިރުވެގެން, ވެގެން އުޅޭގޮތެއް ސާފު ކުރި އިރު އެނގުނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރަން އެކަށައަޅާފައި އޮތް ލިސްޓުގައި މުންދުގެ ނަން ނެތްކަން ކަމަށް "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން އޮފިޝަލު ވިދާޅުވެފައި ވެއެވެ.

މައުލޫމާތު އެނގިހުރި ބައެއް ފަރާތްތަކުން "ދިޔަވަރު" ނޫހަށް ކިޔައިދިން ގޮތުގައި މުންދުއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ހޯދާ ދިނުމަށް ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ފަރާތްތަކުން ޑިމާންޑު ކުރިނަމަވެސް, އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވީ މުންދުއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތަކަށް ވާތީއެވެ.

މުންދުއަކީ ރައީސް ޔާމިންގެ ވެރިކަމުގައި, ރާއްޖޭގެ މިނިވަން ކަމުގެ ރަންޔޫބީލްގައި ރައީސް އަބްދުﷲ ޔާމީން ދެއްވި ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރި ކަމުގެ ތުހުމަތުގައި، އޭސީސީން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވި ފަރާތެކެވެ.

އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމަވާފައިވަނީ އޭރު ޕީޖީގެ މަގާމްގައި ހުންނެވި ބިޝާމްއެވެ. އޭނާ މިމައްސަލާގައި މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމިއިރު, ޕީޖީ ބިޝާމްއަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރުމަށް ނިންމި ކޮމިޓީގައި މުންދުއާއެކު އެ ނިންމުން ނިންމުމުގައި ބައިވެރިވި ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން, މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ބިޝާމް ނިންމުމުން އޭނާގެ މައްސަލަވެސް އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވެއެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ ބިޝާމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސައެކެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމާ މެދު އެ ކޮމިޝަނުން މިއަދާއި ހަމައަށްވެސް ވަކިގޮތެއް އެންގިކަމެއް އެނގޭކަށް ނެތެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ވައުދު ވަމުންނެވެ. އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފްތާގައިވެސް ރައީސް މުއިއްޒު މަގާމްތަކަށް އައްޔަން ކުރެއްވި ގިނަ ބޭފުޅުންނަކީ ކޮރަޕްގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

މުންދު މިހާރުވަނީ މިނިސްޓަރުން ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް އައްޔަން ކޮށްފައެވެ.