ވެރިކަމަށް ހަތަރުވަނަ އަށް ވީދުވަހެވެ. ސެޓްލްމަންޓް ކޮމެޓީ އިއްޔެ އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވެއެވެ.
ސެޓްލްމަންޓް ކޮމެޓީ ނިންމާފައިވަނީ މިސަރުކާރުގެ ބަންޑާރަނައިބުގެ ލަފާފުޅާއި އެކީއެވެ. ބަންޑާރަނައިބަކަށް ހުންނެވީ ފިސާރި ސިޔާސީ ބޭފުޅެކެވެ. ހުންނެވީ ނުހަނު ސިޔާސީ ވެފައެވެ. އެމަނިކުފާނު ދެއްވި ޤާނޫނީ ލަފާގައި ވަނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށެވެ.
ގާނޫނީ ޓެކްނިކަލްޓީސް
ގާނޫނީ ޓެކްނިކަލްޓީސް ތަކެއްގައި ހިފައިގެން ރައްޔިތުންގެ މަސްލަހަތާއި ދުޅަހެޔޮކަން ހިމެނޭ ކަމެއް ހުއްޓާލުމަކީ ޤާނޫނީ މާ ބޮޑު ބަރުދަނެއް އޮވެގެން ކުރާކަމެއް ނޫނެވެ. އަދި އެއީ ތަހުޒީބުވެފައިވާ ދުނިޔޭގައި ޤާނޫނީ ހަމަތައް ބޭނުން ކުރާ އުސޫލެއްވެސް ނޫނެވެ. ގާނޫނީ ޓެކްނަލިޓީސްތަކެއްގައި ހިފައިގެން ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް، ހުއްޓާލުމަށްވުރެ، ގިނަ ހާލަތްތަކުގައި ގާނޫނީލަފާ ބޭނުން ކޮށްފައިވަނީ ރައްޔިތުންގެ މަސްލަހަތާއި، އިންވެސްޓަރ ކޮންފިޑެންސް ހިމާޔަތް ކޮށް، ސަރުކާރުގެ މައްޗަށް އެޅިފައި އޮންނަ އިޖުތިމާޢީ ޒިންމާ އަދާކުރުމަށެވެ. ނަމަވެސް މި ސަރުކާރުން، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އުޒުރުވެރިވެ، އިސްކުރީ ބިޔޮރަކްރްސީގެ ޕްރޮޕަގަންޑާއެވެ.
ނިންމުމުން ގެއްލުން ކުރަނީ ސަރުކާރަށް! ފެނިގެން ދަނީ އަނިޔާވެރިކަން!
މި ނިންމުމުގެ ގެއްލުން، ރައްޔިތުންނާއި ހަމައިން، ނުވަތަ އިންސާފު ބަދަލު ނުލިބޭ ވިޔަފާރިތަކާއި ހަމައިން ނިންމާލެވޭކަށް ނެތެވެ. ސަރުކާރުން ޕްރޮޖެކްޓްތައް ކެންސަލްކޮށް، ސަރުކާރާއި އެކު ހަދާފައި ހުންނަ އެއްބަސްވުންތައް ބާރުގެ ބޭނުން ހިފައިގެން، ސަރުކާރު ބަދަލުވާ އިރަށް ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކުން ބާތިލުކުރާ ކުރުމަކީ ބަދަލު ދޭން ޖެހިފައި އޮތް އެންމެ ބޮޑު އެއް ސަބަބެވެ. ދެން ބަދަލު ދޭން ޖެހޭ ސަބަބަކީ، ސަރުކާރުތަކުގެ ތެރޭ ކޮރަޕްޝަން ބޮޑުވެ، ވަކި ބަޔަކަށް ލިބޭ ޕްރޮޖެކްޓްތަކުގައި ތަފާތު ކުރުންތައް ގެންގުޅުމުގެ ތެރޭ، ސަރުކާރުން އެއްބަސްވުމާއި ޚިލާފުވެވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭން ކޯޓުން ނިންމާ ހާލަތްތަކެވެ. ޕީޕީއެމް ސަރުކާރެއް އަލުން ޤައުމުގެ ވެރިކަމަށް އައުމުން، އޭގެ ކުރީގައި ވެރިކަމުގައި އޮވެ ހެދުނު ގޯސްތަކުން އެތައް ބައެއްގެ ޙައްޤަށް އަރާގަނެފައިވާއިރު، އެ ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން އޮތް ބަދަލު ދިނުން ހުއްޓުވާލުމަކީ ވަރަށް ބޮޑު އަނިޔާވެރި ކަމެކެވެ. އެއީ ބޭއިންސާފުގެ މައްޗަށް ބޭއިންސާފު އިތުރު ކުރުމެވެ. އަދި އެއީ، އިންވެސްޓަރުންގެ އިތުބާރު ޕީޕީއެމް ސަރުކާރަށް އެއްކޮށް ގެއްލިގެންދާނެ ކަމެކެވެ. އަދި އެއީ އިންތިހާބުތަކުގައި އިންވެސްޓަރުންނަށް ޕީޕީއެމް ސަރުކާރެއްގެ މުހިންމުކަންވެސް ގެއްލިގެން ދާކަމެއްވެސް މެއެވެ.
ވިޔަފާރިތަކަށް ލިބޭގެއްލުން
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން އެމީހުންގެ މައްޗަށް ވެފައިވާ ބޭއިންސާފުގެ ބަދަލު ސަރުކާރުން ނަގައިދޭނެ ކަމަށް ބަލައިގެން ތިއްބާ، އެފައިސާ ނުލިބުމުން މާލީ ގޮތުން ވެފައިވާ ދަތިކަން ފިލާ ނުގޮސް، އިންސާފު ލިބުން ދިގުލައިގެން ދިޔުމަކީ ގެއްލުން ލިބުނު ބައެއް ވިޔަފާރިތައް އެއްކޮށް ނެތިގެން ހިނގައިދާނެއެވެ. ރައިސް މުއިއްޒު ގާނޫނީ ޓެކްނިކަލްޓީސްގެ މައްޗަށް ބައްލަވައި މިފަދަ ނިންމުމެއް ނިންމިއިރު، އަނިޔާ ލިބިފައިވާ ފަރާތްތަކާއި މެދު ވިސްނާފައެއް ނުވެއެވެ.
އިތުރު ހައްލެއް ނެތުން
ސަރުކާރަކުން ކަމެއް ހުއްޓުވާލާއިރު، އެއަށް އަލްޓަނޭޓިވް ހައްލެއް ހޯދަދޭން ޖެހޭނެއެވެ. ސަރުކާރަކަށް ބަރޯސާވެގެން ރައްޔިތުން ތިބެނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ހައްލަކީ، ކޯޓުން މައްސަލަތައް ނިންމުމަށް ދޫކޮށްލުންތޯއެވެ؟ ކޯޓުތަކަށް ފައިސާގެ ނުފޫޒު ފޯރުވުމާއި، ކޯޓުން ބަދަލު ދޭން ނިންމާ އަދަދުތައް އެތައް ގުނައަކަށް ބޮޑުވެގެން ދިޔުމީ ކޯޓުން ބޭރުން މައްސަލަ ނިންމުމަށް ފުރުޞަތު ދޭން ޖެހުނު ސަބަބުވެސް މެއެވެ. ސަރުކާރުން ކޯޓުތަކުން އިންސާފު ޤާއިމު ކުރުމަށް ހުރަސް އަޅައި، ފަނޑިޔާރުންނަށް ބިރު ދެއްްކުމުގެ މަގުޞަދު ނެތް ކަމުގައި ވަނީ ނަމަ، ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ މިންވަރު އިތުރުވެ، ދައުލަތަށް އޭގެ ސަބަބުން ލިބޭ ބުރަ އިތުރުވުން ފިޔަވާ އެއްކަމެއްވެސް މި ނިންމުމުން ހާސިލެއް ނުކުރެވޭނެވެ. އެހެންނަމަވެސް، ސަރުކާރުން ޝަރުއީ ދާއިރާގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވައިގެން ކޮންމެ ނިންމުމެއްވެސް، ބަންޑާރަނައިބު އިތްޕުޅާ ހަމަވާ ގޮތަކަށް ނިންމެން އޮތްނަމަ އެންމެ ރަނަގަޅަވެ. ނަމަވެސް އެއީ އިންސާފު ނިގުޅައިގަތުމުގައި ސަރުކާރު ދައުލަތުގެ 3 ބާރުން ކުރެ ބާރެއްގެ މައްޗަށް އަރައިގަތުން ނޫންތޯއެވެ. އަދި އާންމު ރައްޔިތުންނަށް ޤާނޫނުގެ ތެރެއިން އިންސާފު ލިބެން އޮތް ހަމައެކަނި މަގު ބަންދު ކޮށްލުން ނޫންތޯއެވެ. މުއިއްޒުގެ ސަރުކާރުން ހާސިލް ކުރަން އެދޭ މަގުޞަދަކީ މިއީތޯއެވެ؟
މައްސަލަ އަކީ ފައިސާ ނެތުން
ބަންޑާރަނައިބުގެ ދައުރަކީ ރާއްޖޭގެ ބަޖެޓު ބެލޭންސް ކޮށްދިނުމެއް ނޫނެވެ. ދައުލަތުގައި ފައިސާ ނެތުމަކީ ބަންޑާރަނައިބުގެ މައްސަލައެއް ނޫނެވެ. އެކަން ހައްލު ކުރަން އޮތް މަަގަކީ ބޭއިންސާފު އިސްކުރުމެއް ނޫނެވެ. މުއިއްޒުގެ ކެބިނެޓުގައި ތިބި ކަމާއި ބެހޭ ފަރާތްތަކަށް، ދައުލަތް ހިންގުމަށް ބޭނުންވާ ވަރަށް ސަރުކާރުން ފައިސާ ހޯދަދެވޭނޭ ކަމުގެ ޔަގީންކަން ނެތް ނަމަ އެއަށްވުރެ ރަނގަޅު ކެބިނެޓެއް އެކުލަވާލުމަކީ މުއިއްޒުގެ މަސްއޫލިއްޔަތެކެވެ. އެވަރުގެ ޔަގީންކަމެއް ނެތިއްޔާ ވެރިކަން ކުރުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންނަށް ތި ދައްކާދިން މަންޒަރަކީ، ޤައުމު ހިންގާނޭ ފައިސާ މުއިއްޒަށް ހޯދޭނޭ ކަމުގެ ޔަގީންކަމެއް މުއިއްޒަށް ނެތްކަމެވެ. ބަޖެޓް އަރަނި ކުރުމާއި، ފައިސާ ހޯދުމާއި، ލޯންތައް ދެއްކުމާއި، އެފައިސާއިން ހިންގާ ޕްރޮޖެކްތައް އިތުރު ކުރުމާއި، ބަދަލުތައް ދިނުމާއި، ރިޔާސީ ވައުދުތައް ފުއްދުމަކީ ވެރިކަމެއްގައި ތިހާ އަވަހަށް ފެއިލްވެގެން ކުރެވޭނޭ ކަންކަމެއް ނޫނެވެ. ދިވެހިރައްޔިތުން ތިހާ އަވަހަށް މަގުމަތި ކޮށް ނުލާށެވެ. ވެރިކަމަށް އަދިވީ އެންމެ 4 ދުވަސް ނޫންތޯއެވެ.