ޚަބަރު

އަންނަ ޖުލައި އިން ފެށިގެން ހަރަދު ކުޑަކުރާނަން: ފިނޭންސް މިނިސްޓަރު

ދިޔަވަރު
އަންނަ ޖުލައި އިން ފެށިގެން ހަރަދު ކުޑަކުރާނަން: ފިނޭންސް މިނިސްޓަރު

އަންނަ ޖުލައި މަހުން ފެށިގެން ހަރަދު ކުޑަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަން ފަށާފައިވާ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 49.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހަރަދަށް 47.3 ބިލިއަން ރުފިޔާ ހޭދަވާކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ.

ހަރަދު ކުޑަ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރަު ކުޑަކުރަން ޖެހޭއިރު ސިޔާސަތުތަކަށް ބަދަލު ގެނެސް އެކަން ތަންފީޒުކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރުމަށް ތިން ސިޔާސަތެއް މިނިސްޓަރު ހުށަހެޅުއްވި އެވެ. އެއީ

އިންޑައިރެކްޓް ސަބްސިޑީތައް އެންމެ ބޭނުން ޖެހޭ މީހުންނަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުން
އާސަންދައިގެ ނިޒާމް މުރާޖައާކުރުން
ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި އެހީދޭ ނިޒާމް ހަރުދަނާކުރުން
މި ތިން ސިޔާސަތު އެކުލަވާލީ އައިއެމްއެފް، ވޯލްޑް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ތައްޔާރުކުރި ދިރާސާގެ އަލީގައި ކަމަށް ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ ބަޖެޓުގެ ފައިނޭންސިން ޕްލޭނާ މަޝްރޫއުތަކާ ގުޅުވާލުމުގެ މަސައްކަތް. 2024 ބަޖެޓުގެ ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 12 އިންސައްތައިގެ ޑެފިސިޓެއް," ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިސިޔާސަތުތައް އަންނަ ޖުލައި މަހުން ފެށިގެން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަށީގެންވާ މިންވަރަކަށް ދައުލަތުގެ ހަރަދު ކުޑަ ކުރެވޭނީ މި ކަންކަން ތަންފީޒުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް ހުރި އަހަރުތަކުގައި އެންމެ އިސްކަމެއް ދޭން ޖެހެނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން. ހުށަހެޅިފައިވާ ބަޖެޓުގައިވާ ކަންކަން ތަންފީޒު ކުރެވިއްޖެނަމަ މި އަމާޒާ ދިމާލަށް މިސްރާބު ސީދާ ކުރެވޭނެ," ޑރ. ޝަފީގް ވިދާޅުވި އެވެ.

ސިޔާސަތުތަކަށް ބަދަލު ނުގެނެސް ހަމައެކަނި ބަޖެޓް ކޮންޓްރޯލް ކުރުމުން އެދެވޭ ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.