އިޒްރޭލު މީހުން އެއްވެސް ސިފައެއްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.
"ރައިޓްސް މޫވްމަންޓު" ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަނުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ހުށަހަޅާފައި އޮތީ އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށެވެ.
ޕެޓިޝަން ކޮމިޓީން މި ޕެޓިޝަން ދިރާސާކުރަން ބޭއްްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ މި މައްސަލައިގައި މަޖިލީހުގެ ބައެއް އިތުރު ކޮމިޓީތައް ވެސް ކުރިއަށް ދާތީ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅައިފަ އެވެ.
"މަޖިލީހަށް މި މައްސަލައިގައި މެންބަރަކު ގަރާރެއް ހުށަހަޅުއްވައިގެން، މަޖިލީހުގެ ހުރިހާ މެންބަރުން އެއަށް ވެސް ބަހުސް ކުރައްވާފައި، ހާރިޖީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައި،" ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވި އެވެ.
ހާރިޖީ ކޮމިޓީއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވުމަށް ގާސިމް ހުށަހެޅުއްވި އެވެ.