ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ އަށް އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރިޔާޒުގެ ބަދަލުގައި ކްރައިމް އިންވެސްޓިގޭޝަން ހެޑަކަށް ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވަނީ ވަގުތީ ގޮތުން ހަމަޖައްސައިފަ އެވެ.
މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.
ރިޔާޒުގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު އަދި އިންޓެލް ހެޑްގެ ގޮތުގައި ހުންނެވި ފަރީދުގެ ބަދަލުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އައްޔަންކޮށްފަ އެވެ.