ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީއިން ބަލަން ފަށައިފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ މައްސަލާގައި ޕީޕީއެމްގެ ސެނެޓު މެންބަރުން ތިބޭ ވަޓްސްއެޕު ގްރޫޕުން ރޭގވެ ވަގުތެއްގައި މަލީހު ވަނީ ބޭރުކޮށްލައިފަ އެވެ.
ޕީޕީއެމްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ރޭ ޕީޕީއެމް އޮފީހުގައި، މަލީހު އިސްވެ ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށާއި އެ ކަން ޕާޓީގެ ލީޑަޝިޕަށް ވެސް އަންގާފައި ނުވާ ކަމަށެވެ.
އާންމުކޮށް ޕީޕީއެމުން ނޫސްވެރިންނާ ބައްދަލުކުރާނަމަ، އެކަން އެ ޕާޓީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެ އެވެ. ނަމަވެސް, ރޭގެ ބައްދަލުވުމާ ބެހޭގޮތުން އެފަދަ އެއްވެސް މެސެޖެއް ހިއްސާ ނުކުރެ އެވެ.
މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް , އައްބާސް އާދިލު ރިޒާ އިސްކޮށް ތިއްބަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްޔަތަކުންތޯ "އަދަދު" އިން ސުވާލުކުރުމުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އޭގެ ފަހުން އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ތަކުރާރުކުރުމުން އައްބާސް ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ޕީއެންސީ އާއި އެ ޕާޓީ އާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ޖެހޭ ކަމަށެވެ. އަދި، ޕާޓީގެ މެންބަރުން، ޕީއެންސީ ހިމެނޭހެން އެހެން ޕާޓީތަކާ ގުޅުން ހުއްޓާލުމަށް ގޮވާލާ، އާ ސަރުކާރުގައި ޔާމީނުގެ ބައިވެރިވުމާއި މަޝްވަރާ އިތުރުކުރުމަށް ވެސް ގޮވާލި އެވެ.
އޭގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ދެވަނަ ދުވަހު އާންމުކުރި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ މެދުވެސް "ޔާމީން ކޮމިޓީން" ވަނީ ސުވާލުއުފައްދާފަ އެވެ. އަދި، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު މަގާމުން އުޒުރުވެރިވެފައިވާ ކަމަށާއި ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި އެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.