ޚަބަރު

ރައީސް ޔާމިންގެ ފޯން ކޯލްތަކަށް މުއިއްޒު ދެން ޖަވާބެއް ނުދެއްވާނެ!

ދިޔަވަރު
ރައީސް ޔާމިންގެ ފޯން ކޯލްތަކަށް މުއިއްޒު ދެން ޖަވާބެއް ނުދެއްވާނެ!

ރައީސް ޔާމިންގެ އެއްވެސް ފޯން ކޯލަކަށް ރައީސް މުއިއްޒު ދެން ޖަވާބު ނުދެއްވަން ނިންމަވާފައިވާކަން "ދިޔަވަރު" ނޫހަށް ކަށަވަރު ކުރެވިއްޖެއެވެ.

ޑރ. މުއިއްޒުގެ އަރިސް ބޭފުޅަކު "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން ގޮތުގައި, ރައީސް ޔާމިންއާއި މުއިއްޒުއާއި ދޭތެރޭ ގުޅުން ގޯސްވެފައި ވަނިކޮށ, ޑރ. މުއިއްޒު އާދަޔާ ޚިލާފަށް ކޯފާ އިސްކުރެއްވީ ރައީސް ޔާމިން ޕީޕީއެމް ހިންގުމަށް ސްޓިއަރިން ކޮމިޓީއެއް އިއްޔެ އައްޔަން ކުރެއްވި ހިސާބުންނެވެ.

އެހެންކަމުން, ރައީސް ޔާމިންގެ އެއްވެސް ފޯން ކޯލަކަށް ދެން ޖަވާބު ނުދެއްވުމަށް ރައީސް މުއިއްޒު މިހާރު ނިންމަވާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމިންގ ގާނޫނީ ވަކީލު ޑރ. ޖަމީލްގެ ކޮއްކޮ މަލީހު ޖަމާލް އިސްކޮށް ބަހައްޓަވައިގެން ރައީސް ޔާމިންގެ ގެންނަވަން މަސައްކަތް ކުރައްވާފައިވަނީ ބަޢާވާތެއް ކަމަށްވެސް "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން ރައީސް މުއިއްޒުގެ އަރިސް ފަރާތުން ވިދާޅުވެފައި ވެއެވެ.

"ދިޔަވަރު" ނޫހަށް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު މިހާރު ނިންމަވާފައިވަނީ, ރައީސް ޔާމިން ޕީޕީއެމްއިން ވަކި ކުރުމަށެވެ. ގާނޫނީ ބަންދެއްގައި ރައީސް ޔާމިން ހުންނެވުމާއެކު އެމަނިކުފާނަކީ ޕާޓީގެ އިސްމަގާމެއްގައި ހުރުމުގެ ފުރުސަތު އޮތް ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ޕާޓީގެ މެމްބަރޝިޕުން ވަކިވެފައެއް ނުވެއެވެ.

އެހެންކަމުން ރައީސް ޔާމިންގެ ސިޔާސީ ބާރު އެކީ ނެތިކޮށްލުމަށް ރައީސް މުއިއްޒު މިހާރު ނިންމާފައިވަނީ ޕީޕީއެމްއިންވެސް ރައީސް ޔާމިން ވަކިކުރުމަށް ކަމަށް "ދިޔަވަރު" ނޫހަށް މައުލޫމާތު ދިން މުއިއްޒުގެ އަރިސް ފަރާތުން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން މުއިއްޒުއަށް ކުރަން އުދަގޫ ކަމަކަށް ނުވާނެ ސަބަބަކީ ޕީޕީއެމްގެ ސެނެޓް ގިނަ މެމްބަރުން މިހާރު މުއިއްޒުގެ ސަރުކާރުގެ ވަޒީފާތަކުގައި ތިބުމެވެ. އޭނާ ވިދާޅުވީ މުއިއްޒު މިހާރު ހުންނެވީ ޕީޕީއެމް ސެނެޓްގެ ކޮންޓްރޯ ނަންގައިގެންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައިވަނީ ރައީސް ޔާމިންގެ ފޮޓޯފުޅު ދައްކަވައިގެން ވޯޓު ހޯއްދަވައިގެންނެވެ. އެހެންނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވި, ވެރިކަމުގެ ހުވާ ނުކުރެވެނީސް މުއިއްޒުވަނީ ޔާމިންއަށް އިންޒާރުދީ, ޔާމިން މުޅިންހެން ކަހަލަ ގޮތަކަށް އެކަހެރި ކޮށްފައެވެ.