ޤައުމެއް އުފެދޭ ހިސާބުން އެޤައުމުގެ އެންމެ ބޮޑު ދައުރަކީ އެ ޤައުމެއް ސަލާމަތުން ބެހެއްޓުމެވެ. ޤައުމުގެ ދިރިހުރުން ނުވަތަ ޤައުމުގެ survival އަކީ އެޤައުމެއްގެ ވެރިއެއްގެ އެންމެ ބޮޑު ޒިންމާއެވެ. ދުނިޔޭގެ ޤައުމުތައް ހިނގަނީކީއެއް ތަރުތީބަކުން ނުވަތަ، ހައިރާކީ އެއް އޮވެގެން، އެއްޤައުމު އަނެއް ޤައުމުގެ ދައުރަށް އިޙްތިރާމު ކުރުމުގެ ތަރުތީބެއް އޮވެގެނެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤައުމުތައް އެއް ޤައުމާއި އަނެއް ޤައުމާއި ދެމެދު އޮންނަނީ އެއްވެސް ނިޒާމެއް ނެތް ނުތަނަވަސް ކަމެކެވެ. ޤައުމުތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން ބާއްވަނީ މި ނުތަނަވަސް ނިޒާމުން ލިބޭ ގެއްލުން ކުޑަ ކުރުމަށެވެ.
މި އުސޫލުން ޗައިނާގެ މަޤްޞަދަކަށް ވަނީ އޭޝިޔާގައި ޗައިނާގެ ބާރު ގަދަ ކުރެވެން އޮތް އެންމެ ބޮޑަކަށް ގަދަކުރުމެވެ. ޗައިނާގެ ބާރު އިންޑިޔާގެ ދޮރާއްޓާއި ހަމައަށް ނުގެނެއުމަށް، ސައުތު އޭޝިޔާގެ ޤައުމުތަކާއި ގާތް ގުޅުމެއް ބޭއްވުމަށް އިންޑިޔާ ވެސް ބޭނުންވެއެވެ. ކަން މިހެން އޮތް އިރު، ޗައިނާ އަށް އޭޝިޔާގައި އޮތް އެންމެ ބޮޑު ހުރަހަކީ ޖަޕާނާއި، އިންޑިޔާއެވެ. މި ދެ ޤައުމަކީވެސް، ފަހުގެ ތާރީޙުގައި ޗައިނާ އަށްވުރެ، މާ ގާތް ގުޅުންތަކެއް ރާއްޖެ އާއި ބާއްވާފައިވާ އިގްތިޞާދީ ދެ އެހީތެރިންނެވެ.
ޗައިނާއާއި އިންޑިޔާ އާއި ދެމެދު އޮތް ވާދަ ވެރިކަމުގެ ތެރެއަށް ރާއްޖެ ވަދެފައި އޮތް އިރު، ދިވެހި ރާއްޖެ އަކީ ނިކަމެތި ޤައުމެކެވެ. ނިކަމެތި ކުޑަ ޤައުމުތަކަށް ފަސޭހަކަމާއި އެކު، ހަމަލާ ދެވޭނެއެވެ. ދިވެހި ޤައުމަކީ ޗައިނާ އާއި އިންޑިޔާއާއި ވެސް، ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޤާބިލު ކަމެއް ލިބިފައިވާ ބައެއް ނޫނެވެ. ޗައިނާ އަދި އިންޑިޔާ އަކީ ނިއުކްލިޔަ ދެ ބާރެވެ. އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ އާބާދީވެސްމެއެވެ. ރާއްޖެ ހިމެނިގެން ދަނީ ދުނިޔޭގެ އެންމެ ކުޑަ އަބާދީ ތަކުގެ ތެރޭގައެވެ. އަޅުގަނޑުމެންގެ ނިކަމެތިކަން އޮތް މިންވަރަކީ މިއީއެވެ.
އިންޑިޔާއާއި، ރާއްޖެއާއި ދެމެދު ހެޔޮ ގުޅުންތަކެއް އޮވެއްޖެނަމަ، ދުނިޔެ ހަނގުރާމައެއްގެ ތެރެއަށް ވަދެގެން ދާއިރު އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ދިވެހިރާއްޖެއަށެވެ. ކޮވިޑް ތެރޭގައި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ވެކްސިން އާއި، ބަލި މީހުންނަށް ފަރުވާ ދިނުމުގައިވެސް އިންޑިޔާ ދެއްކީ އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ. މުޅި އިންޑިޔާ ބަންދު ކޮށްފައި އޮއްވައި ދިވެހިންނަށް އެކަނި ހުޅުވާލަ ދިނެވެ. ދައުލަތަށް ބޭނުންވި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައިވެސް އިންޑިޔާގެ އެހީ ލިބުނެވެ.
ހަނގުރާމައަކަށް ދުނިޔެ ގޮސްފިނަމަ، ޗައިނާއަކަށް، ދިވެހިންނަށް ފޯރުކޮށްދެވޭނޭ އެއްވެސް އެއްޗެއް ނެތެވެ. ރާއްޖެ ބަނޑަށް ޖެހުނަސް، އަޅާލެވޭނެ ގޮތެއް ނެތެވެ. ރާއްޖެ އާއި ޗައިނާއާއި އޮތް ދުރު މިނަކީ ޤަބޫލު ކުރަންޖެހޭ ހަޤީގަތެވެ. ކޮވިޑަށް ފަހުގައި މި ފެށުނު، ޔޫކްރެއިން ހަނގުރާމައާއި ހިސާބުން، ރާއްޖެއަށް ވުރެ، ވަކި އަގު ހެޔޮކޮށް ކާބޯތަކެތި ލިބޭ ޤައުމެއް މަދުވާނެއެވެ. އޭގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ އިންޑިޔާއިންނެވެ. ކާބޯތަކެތީގައި ޗައިނާއަށް ބަރޯސާ ވެވެން ނެތީ، ޗައިނާއިން ކާބޯތަކެތި ގެންނަން ނަގާ އަގާއި، އެ ލިބެން ނަގާ ވަގުތުގެ ސަބަބުންނެވެ.
އެހެންކަމުން ދިވެހިރާއްޖެއަށް ކަމެއް ދިމާވެ، އެހީތެރިކަމެއް ބޭނުންވާ ވަގުތު އެކަން ކޮށްދެވެން އޮތީ އިންޑިޔާއަށެވެ. އެއީ ބަދަލު ކުރެވެން ނެތް، ޖެއޮގްރަފިކަލް ހަޤީގަތެވެ.
ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ވިސްނުން ބައިނަލް އަޤްވާމީ ދުނިޔެއާއި މެދު ހުރީ ލިބަރަލިޒަމުގެ ސިފަތަކަށް ފެތޭހެންނެވެ. މި ސަރުކާރުގެ ވިސްނުން ހުރީ، ޑިމޮކްރަސީ ޤައުމަކުން އެހެން ޑިމޮކްރަޓިކް ޤައުމަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ. ޔޫއެން ފަދަ ބައިނަލް އަޤުވާމީ ޖަމިއްޔާ ތަކާއި ޖަމާޢަތްތައް ހުރުމުން، އެއް ޤައުމު އަނެއް ޤައުމަށް އަރާ ނުގަންނާނެ ކަމަށެވެ. އިޤްތިޞާދީ ގުޅުން އެއް ޤައުމު އަނެއް ޤައުމާއި ދެމެދު ޤާއިމު ވެފައި އޮތްހާ ހިނދަކު ދިވެހި ޤައުމަށް ސަލާމަތްކަން އޮތް ކަމަށެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ.
މިއަދުގެ ދުނިޔޭގައި ސިޔާސީ ވިސްނުން ބައްޓަން ކުރަންވީ ހަޤީގަތާއި އެއް ކޮޅަށެވެ. ބަލަންވީ ލިބަރަލިޒަމްގެ އަނެއް ފަރާތަށް، ރިއަލިޒަމް އަށެވެ. އެ ހަޤީގަތަށް ވިސްނާއިރު، ވެރިކަމަށް އައުމަށްޓަކައި، ޕީޕީއެމް ޕީއެންސީ އިން ހިންގި އަލްޓްރާ-ނެޝަނަލިސްޓިކް ނުވަތަ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ޕްރޮޕަގަންޑާގައި، އެއްވެސް ސަބަބެއް ނެތި އިންޑިޔާ އަށް ޓާގެޓްކޮށް ދުނިޔޭގެ މައިދާނުގައި އިންޑިޔާ ފަލީހަތް ކުރުމަށް ފެށި މަސައްކަތް ހުއްޓާ ނުލާފިނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ.
2010 ގައި މުހައްމަދު ނަޝީދު ރާއްޖެއަށް ގެނައި، 25 މީހުންނާއި ހެލިކޮޕްޓަރު ފިޔަވައި، ރާއްޖެއަށް ގެނައި 52 ސިފައިންނާއި، ހެލިކޮޕްޓަރ އާއި ޑޮނިއާރ އަކީ، އޭރުގައި އޮތް ޕީޕީއެމް/ޕީއެންސީ ސަރުކާރުން އާދޭސްކޮށްގެން ގެނެސްފައިވާ މީހުންނާއި ތަކެއްޗެވެ. އިންޑިޔާއިން ރާއްޖޭގައި އިންޑިޔާ ސިފައިންގެ ޕައިލެޓުން ބޭއްތިއްބުމަކަށް ނޭދެއެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްކަމާއި، އެކުވެރިކަމުގެ ރަމްޒެއް ގޮތުގައި ރާއްޖެއަށް ވެދިން އެހީއެކެވެ.
އަމިއްލަ އަށް ގެނައި ބަޔަކު ކުއްލިއަކަށް ގޯސްވެ، ޤައުމީ ސަލާމަތާއި ރާއްޖޭގެ އިސްޤްލާލަށް ގެއްލުންވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔަކު ނިންމި ނިންމުމަކީ ބޮޑު ޖޯކެކެވެ. އެ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ދޮގު ވިއްކައިގެން ވެރިކަމަށް އައިސް، އެ އޮޅުވާލި އޮޅުވާލުމުގައި ހިފަހައްޓައިގެން އިންޑިޔާ ބޮލުގައި ރާއްޖޭގެ މިނިވަންކަމަށް، އަރައިގަންނަ ކަމުގެ ދޮގު ތުހުމަތާއި ބަދުނާމު އަޅުވައި، އެއްވެސް ސަބަބެއްނެތި ރާއްޖެއިން ބޭރު ކޮށް، މުޅި ދުނިޔޭގެ ކުރިމަތީގައި ފަލީހަތްކޮށްލުމަކީ އެއްވެސް ކުށެއް ނެތި، އިންޑިޔާ އަށް ދެވޭ ހަމަލާއެއްކަމުގައި ނުނީ ނުވާނެއެވެ. ދުނިޔޭގައި ބައެއް ހަނގުރާމަ ފެށިފައި ހުރީވެސް، މިފަދައިން އަނެއް ޤައުމުގެ އިއްޒަތާއި ކަރާމާތަށް ހަމަލާދީ، ދަށްކޮށް ނިކަމެތި ކޮށްލުމަށް ވިސްނާނުލާ ވެރިން ކޮށްފައިހުރި، ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން ފަރުވާކުޑަ ކަންކަމުގެ ސަބަބުންނެވެ. މިއަދު ޔޫކްރެއިންގައި ހިނގާ ހަނގުރާމަ އޭގެ މިސާލަކަށް ފުދެއެވެ. އެއްވެސް ސަބަބެއް ނެތި، ދުނިޔޭގެ ބޮޑު ބާރެއްގެ މޫނުމަތީ ޖެހުމަކީ މުއިއްޒަށް މި ޤައުމަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
މުއިއްޒު ބޭނުންހާ ވަރަކަށް އިންޑީޔާގެ މޫނުމަތީ ޖެހުމަށް، އިންޑިޔާ ދީގެން ނޯންނާނެއެވެ. ނަމަވެސް މުއީއްޒު ހުންނެވީ ހަނގުރާމައިގެ ދިދަ ނަގައިގެންނެވެ. އިންޑިޔާއަށް "ހަމާލާދީ" ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނަޑުދަށަށް ގެންދާށެވެ. ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ނަމުގައެވެ. ފަރ ރައިޓް ޕޮލިޓިކްސްގައި، އަލްޓްރާ ނެޝަނަލިޒަމްގެ ހައްދުފަހަނައެޅި ސިޔާސަތުގައި މުޅި ގައުމު އަނދަވަޅަކަށް ވައްޓައި ވެރިކަމުގައި މަދުވެގެން 10 އަހަރު ހުރެލެވޭތޯ ބެލުމަށެވެ.
ދެން އޮތީ ދެކުނުން މޮރިޝަސްއެވެ! ގެއްލުނުކަމަށް އޮޅުވާލައިގެން އެވިދާޅުވާ ކަނޑުގެ ބައެއް ނެތެވެ. އިތުރު ބައެއް ނަގާކަށް ބައިނަލްއަޤްވާމީ ކޯޓަކުން ކުރެވޭނޭ އެއްކަމެއްވެސް ހަމަނެތެވެ. ރާއްޖެއަށް ލިބެން ހައްޤު ނޫން އެއްޗެއް، ރާއްޖޭގެ ބައެއް ކަމަށް ބުނެ ވަކާލާތުކުރަން ދިއުމަކީ، ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ދެކުނުގެ ބޯޑަރުގެ ނެތް މައްސަލައެއް އުފަން ކޮށް، ދެކުނުން އެންމެ އަވަށްޓެރި ޤައުމާއި ދެކޮޅަށް ރާއްޖެ ތެދުވުމެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި އެންމެ ފަސޭހައިން ހަނގުރާމައަށްދާ ސަބަބަކީ ބޯޑަރުގެ މައްސަލައެވެ. މުއިއްޒުގެ ވިސްނުން ހުރީ ނެތް މައްސަލައެއް މިކަމުގައި އުފެއްދައި ޤައުމުގެ އެތައް ލައްކަ ބަޔަކަށް ދޮގުހަދައި އޮޅުވާލުމެވެ. ހަނގުރާމައެއްގެ ތުންފަތްމައްޗަށް ރާއްޖެ ވައްޓާލުމަށެވެ.
"މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ ޕޮލިސީއެއް ނޫނެވެ. "އިންޑިޔާ ފަސްޓް" ޕޮލިސީއަކަށްވީ ރާއްޖެއަށް ކުރެވެން ނެތް ކަންކަމުގައި އެންމެ ފުރަތަމަ ދާ ޤައުމަކީ އަވަށްޓެރި އިންޑިޔާ އަށް ހެދުމުންނެވެ. އިންޑިޔާއަށް ކޮށް ނުދެވޭ ހާލަތުގައި އެހެން ޤައުމެއްގެ އެހީ ހޯދުމެވެ. "މޯލްޑިވްސް ފަސްޓް" ޕޮލިސީގައި ރާއްޖެއަށް ނުކުރެވޭ ކަންކަން ކުރަން ދާން އޮތީ އެނބުރި ރާއްޖެއަށް ތޯއެވެ؟ މުއިއްޒު އަތުގައި އޮތީ ޗައިނާ ފަސްޓް ޕޮލިސީއެވެ. ހަޤީގަތަކީ އެއީއެވެ.
ދިވެހިރާއްޖެ ދެފަރާތުން ވަށައިގެން އޮތް ޤައުމުތަކާއި ދެކޮޅުވެ، ނަފްރަތުކަން، ޤައުމަށް ނުރައްކާވާ ހިސާބަށް ގެންދިއުމަށްފަހު، މުއިއްޒުގެ ވިސްނުންހުރީ، "ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން" ކަށަވަރު ކުރުމަށް ކަމަށްބުނެ، ރާއްޖެއަށް ޗައިނާގެ މިލިޓަރީ ގެނައުމެވެ. ހައްދުފަހަނައެޅި ގައުމިއްޔަތު ރޫހު އާކޮށް، ޤައުމިއްޔަތުގެ މަޅީގައި ދިވެހިން ޖައްސައިގެންނެވެ. މިއީ ޗައިނާ އާއި ގުޅިގެން މުއިއްޒު ރާވަމުންދާ ގޭމެކެވެ. މިކަމުގައި ދިވެހިންގެ މަސްލަހަތެއް ނެތެވެ. އޮތީ މުއިއްޒަށް ލިބެންއޮތް ބާރާއި މުއްސަނދިކަމެވެ.
މުއިއްޒު އެބުނާ ރަތް ރޮނގަކީ ހަނގުރާމައެވެ. ހަމަ ނުޖެހުމެވެ. ބިރުވެރިކަމެވެ. ދިވެހިން ތެދުވަންވީ ފެށިދާނެ ހަނގުރާމައަކާއި ދެކޮޅަށެވެ. ދިވެހިން ތެދެވަންވީ ޤައުމިއްޔަތުގެ ނަމުގައި އޮޅުވާލައިގެން މިހިންގަން އުޅޭ، ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ހަރަކާތްތަކާއި ދެކޮޅަށެވެ. ދިވެހިން ތެދުވަންވީ އަވަށްޓެރިންނާއި، ދުނިޔެއާއި އެކު، ހަމަ ހަމަ އުސޫލުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ މަންފާހުރި ގޮތް ހޯދުމަށެވެ.