ޚަބަރު

މުއިއްޒު އަންގަވައިގެން އަނެއްކާވެސް ޕޮލިސް އިންޓެލިޖެންސަށް ބޮޑެތި ބަދަލުތަކެއް

ދިޔަވަރު
މުއިއްޒު އަންގަވައިގެން އަނެއްކާވެސް ޕޮލިސް އިންޓެލިޖެންސަށް ބޮޑެތި ބަދަލުތަކެއް

މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވި, ރައީސް މުއިއްޒުއަށް ފުލުހުންގެ މުވައްސަސާގެ އިސްވެރިންގެ މައްޗަށް އިތުބާރު ނުކުރެވިގެން ޕޮލިސް އިންޓެލިޖެންސްގެ އެކި ސެކްޝަންތަކުގެ އިސްވެރީން ބަދަލު ކޮށްފިއެވެ.

ދާދިފަހުން މުއިއްޒުގެ އެންގެވުމަށް ޕޮލިސް އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ފަރީދު އިސްމާއިލްވެސް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި, ރައީސް މުއިއްޒު އަންގަވައިގެން މިއަދުގެ ވަގުތެއްގައިވަނީ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އެކި ސެކްޝަންތަކުގެ ވެރިންތަކެއް ބަދަލު ކޮށްފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ފުލުހުންގެ ހަ އޮފިސަރެއްގެ މަގާމް ބަދަލު ކޮށްފައިވާ އިރު ބައެއް އޮފިސަރުންނާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލެއް ކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން މުއިއްޒު އަންގަވައިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ވަނީ މަސްއޫލިއްޔަތުތަކުން ފާއިތުވި ހަފްތާގައި އެކަހެރި ކޮށްފަ އެވެ.

ފާއިތުވެދިޔަ ހަފްތާގައި މުއިއްޒު ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ރިޓަޔަށް ނުކުރައްވައިފިނަމަ މަގާމުން ވަކިކުރާނެކަމަށް އިންޒާރުކޮށްފައެވެ. މި ދެބޭފުޅުންދެކެ މުއިއްޒު ކޯފާވި ސަބަބެއް އޮޅުން ފިލާފައެއް ނުވެއެވެ. ދެބޭފުޅުންވެސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުންފެށިގެން ރިޓަޔަރ ކުރެއްވުމަށެވެ.

ބައެއް ފަރާތްތަކުން ބުނަމުން ދަނީ މުއިއްޒު ކުރައްވަމުން ގެންދަވަނީ, ރައީސް ޔާމިން ފުލުހުންގެ ތެރެއިން ބަޢާވާތެއް ގެނެސްގެން އެމަނިކުފާނުގެ ވެރިކަން ވައްޓާލަފާނެތީ މުޅި މުވައްސަސާގެ ލީޑަރޝިޕް ބަދަލު ކުރުމުގެ މަސައްކަތްތަކެވެ. އެގޮތުން ފުލުހުންގެ އިސްވެރިންގެ ތެރެއިން ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދާއި ގާތްކަން ހުރިކަމަށް ބެލެވޭ ވެރީންގެ އިތުރުން ރައީސް ޔާމިންގެ ނުފޫޒު ފޯރަފާނެކަމަށް ބެލެވޭ ހުރިހާ އެންމެންވެސް މަސްއޫލިއްޔަތުން ދުރުކުރުމަށް މުއިއްޒުވަނީ ނިންމަވާފައެވެ.