ޚަބަރު

ޕޮލިހުގެ ތެރެއިން މަގާމުތަކުން އެކަހެރި ކުރަމުން ދަނީ ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދުއާއި ގުޅުން ހުރި ފަރާތްތައް

ދިޔަވަރު
ޕޮލިހުގެ ތެރެއިން މަގާމުތަކުން އެކަހެރި ކުރަމުން ދަނީ ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދުއާއި ގުޅުން ހުރި ފަރާތްތައް

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު, އެމުވައްސަސާގެ އިސް މަގާމްތަކުން އެކަހެރި ކުރަމުންދަނީ ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދުއާއި ގާތް ގުޅުން އޮންނަކަމަށް ރައީސް މުއިއްޒުއަށް ގަބޫލުކުރެވޭ ފަރާތްތައް ކަން "ދިޔަވަރު" އޮންލައިނަށް ކަށަވަރު ކުރެވިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި, ފުލުހުންގެ އިސް އޮފިސަރަކު ”ދިޔަވަރު“ އޮންލައިންއަށް މައުލޫމާތުދިން ގޮތުގައި މުއިއްޒު ގެންދަވަނީ ފުލުހުންގެ ތެރެއިން, ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދުއާއި ގުޅުން އޮންނަ ކަމަށް ބެލެވޭ އިސް ފަރާތްތައް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަމަށް އަންގަވަމުންނެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ފުލުހުންގެ އިސް އޮފިސަރު ވިދާޅުވީ ހުސެއިން ވަހީދަކީ ރައީސް ޔާމިންއާއި އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެފަރާތަށް ވުން ކަމުގައެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު މިހާރު ގެންދަވަނީ ރައީސް ޔާމިންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

އޭގެ އިތުރުން ރައީސް ޔާމިނަށް ތާއީދުކުރާ, ނުވަތަ ގުޅުން ބާއްވާނެކަމަށް ބެލެވޭ ހުރިހާ ޕޮލިސް އޮފިސަރުންވެސް މުއިއްޒުގެ އެންގެވުމަށް މިހާރު މަސްއޫލިއްޔަތުން އެކަހެރި ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދާދިފަހުން މުއިއްޒުގެ އެންގެވުމަށް ޕޮލިސް އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ފަރީދު އިސްމާއިލް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އޭގެ އިތުރުން, އެނގިފައިވާ ގޮތުގައި, ރައީސް މުއިއްޒު އަންގަވައިގެން މިއަދުގެ ވަގުތެއްގައިވަނީ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އެކި ސެކްޝަންތަކުގެ ވެރިންތަކެއް ބަދަލު ކޮށްފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ފުލުހުންގެ ހަ އޮފިސަރެއްގެ މަގާމް މިހާތަނަށް ބަދަލު ކޮށްފައިވާ އިރު ބައެއް އޮފިސަރުންނާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލު ކޮށްފައެއް ނުވެއެވެ.

މުއިއްޒު އަންގަވައިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ވަނީ މަސްއޫލިއްޔަތުތަކުން ފާއިތުވި ހަފްތާގައި އެކަހެރި ކޮށްފަ އެވެ.

ފާއިތުވެދިޔަ ހަފްތާގައި މުއިއްޒު ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ރިޓަޔަށް ނުކުރައްވައިފިނަމަ މަގާމުން ވަކިކުރާނެކަމަށް އިންޒާރުކޮށްފައެވެ. މި ދެބޭފުޅުންދެކެ މުއިއްޒު ކޯފާވި ސަބަބެއް އޮޅުން ފިލާފައެއް ނުވެއެވެ. ދެބޭފުޅުންވެސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުންފެށިގެން ރިޓަޔަރ ކުރެއްވުމަށެވެ.

ރައީސް ޔާމިންގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވުމާއެކު, ހުވާވެސް ނުކުރައްވަނީ މުއިއްޒުވަނީ ރައީސް ޔާމިން އެކަހެރިކޮށް, ރައީސް ޔާމިން އުފެއްދެވި ޕީޕީއެމްއިންވެސް އެމަނިކުފާނު ބޭރުކުރާނެކަމުގެ އިންޒާރު ދީފައެވެ. އަދި ދާދިފަހުން ރައީސް ޔާމިން ޕީޕީއެމް ހިންގުމަށް ސްޓިއަރިން ކޮމިޓީއެއް އައްޔަން ކުރި މައްސަލަ ހޫނުވެ, އެކަމުގައި އުޅުއްވި ބައެއް ފަރާތްތައް މިހާރުވަނީ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.