ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި ޕްރޮޖެކްޓުތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ އެއް ދެވެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ޓެކްސް އިސްތިސްނާވާ އުސޫލުގެ ދަށުން މަސައްކަތް ހިނގަހިނގާ ހުރި ތިން ކުންފުންޏެއް ވަނީ ޓެކްސް ކަނޑާލަދީފައެވެ.
މުއިއްޒުގެ އެންގުމަށް ޓެކްސް ކަނޑާލާފައިވާ ކުންފުނިތަކަކީ:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ސައުދީ ބިންލާދިން ގްރޫޕް ކޮމްޕެނީ އަށް ދީފައިވާ މަޝްރޫއު. މި ޕްރޮޖެކްޓުގެ އަގަކީ 540 މިލިއަން ޑޮލަރު. 20 ޖުލައި 2025ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްްގީކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއަށް ދީފައިވާ މަޝްރޫއު. މި ޕްރޮޖެކްޓުގެ އަގަކީ 360 މިލިއަން ޑޮލަރު. 20 ޖުލައި 2025ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.
- މިފްކޯ ތަރައްގީކުރުމަށް އިންޑިއާގެ އޯޕީޓީ އިންޓަނޭޝަނަލް ލިމިޓެޑް އަށް ދީފައިވާ މަޝްރޫއު. މި މަޝްރޫއަކީ 2.9 ބިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް. 27 މޭ 2026 ގެ ނިޔަލަށް އެ ކުންފުނިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ.
އާންމު ގޮތެއްގައި ޓެކްސް ދައްކަން ނުޖެހޭ ޕްރޮޖެކްޓަތައް ކަނޑައަޅަނީ ބިޑް ކުރުމުގެ ކުރިންނެވެ. އަދި މިއިން އެއްވެސް ޕްރޮޖެކްޓެއް ޓެކްސް ފްރީ ކުރުމާއި ގުޅޭ އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ. އެހެންކަމުން މި ޕްރޮޖެކްޓަތައް ބިޑްކޮށްފައިވަނީ ޓެކްސް އަށްވާ ފައިސާ ބިޑްގައި ހިމަނައިގެންނެވެ. މި ގޮތަކަށް ޓެކްސް މާފު ކުރުމުން، ޓެކްސްގެ ގޮތުގައި، ޕްރޮޖެކްޓް އަގުގެ ތެރޭގައި ހިމެނޭ ފައިސާ ސަރުކާރަށް ދައްކާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެއީ ދައުލަތުގެ ބަޖެޓަށް ލިބެން ހުރި، އަދި ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ހިމެނޭ ފައިސާތަކެއް ދައުލަތަށް ލިބުން ހުއްޓުވާލުމެވެ.
މިއީ ގާތްގަޑަކަށް ޓެކްސްގެ ގޮތުގައި މި ތިން ޕްރޮޖެކްޓްތަކުން ދައުލަތަށް ވަންނަން ޖެހޭ 480 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު އިންސައްތައެކެވެ. ޕްރޮޖެކްޓްތަކުގެ ބާކީ އޮތް ތަނުގައި ޓެކްސް ދައްކަން ނުޖެހުމުން މި ފައިސާ ވަދެގެން ދާނީ، ކޮންޓްރެކްޓަރގެ ފައިދާގެ ތެރެއަށެވެ.
މިއީ އަލަށް ހުވާކުރެއްވި ރައީސް މުއިއްޒު، ރައީސް ކަމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ބަޔަކަށް ހޯދައިދިން ނާޖާއިޒު ބޮޑު މަންފާއެކެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި މި ޑީލް ހަމަ ޖައްސައި ދެއްވީ އެކޮނޮމިކް މިނިސްޓަރ ކަމުގައި ހުންނެވި ސައީދެވެ. އަދި 480 މިލިއަން ޑޮލަރުން، ބޮޑު ޕަސެންޓެއް މިކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބޭއިރު، އޭގެތެރެއިން 97 މިލިއަން ޑޮލަރު މުއިއްޒަށް ލިބިވަޑައި ގެންފައިވާކަމަށް މައުލޫމާތު ލިބެއެވެ.