ޕާޓީއަށް ނާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެނެޓު މެމްބަރު މުހައްމަދު މަލީހު ޖަމާލު މިރޭ އެ ޕާޓީން ވަކިކޮށްފި އެވެ.
މަލީހުގެ މައްސަލަ ބެލުމަށް މިއަދު އެ ކޮމިޓީއަށް ހާޒިރުވާން އޭނާއަށް އޮތީ އަންގައިފަ އެވެ. ނަމަވެސް ކޮމިޓީއަށް އޭނާ ހާޒިރެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މަލީހު ވަކި ކުރަން ނިންމީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ޕީޕީއެމްގެ އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލިކަން އިއުލާނު ކުރުމަށެވެ. ބައްދަލުވުން ބޭއްވީ މަލީހުގެ އިތުރުން އައްބާސް އާދިލް ރިޒާ އެވެ.
މަލީހުގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، ސުލޫކީ ކޮމިޓީއަށް އޭނާ ހާޒިރުވުމަށް އަންގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ބައްދަލުވުމަށް އޭނާ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
އޭގެ ފަހުން ބުދަ ދުވަހު އޭނާ ވަނީ ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފަ އެވެ. ސުލޫކީ ކޮމިޓީއަށް މައްސަލަ ފޮނުވީ އެއަށްފަހެވެ. ޕީޕީއެމުން ބުނީ، ޔާމީންގެ އެންގެވުމަށް އެކުލަވާލި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކީ ގަވާއިދާ ހިލާފު، ޕާޓީގެ އަސާސްތަކާ ހިލާފު ކޮމިޓީއެއް ކަމަށެވެ.
"ޕާޓީގެ ލީޑަޝިޕު ނުވަތަ ޕާޓީގެ ސެނެޓުގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑުކުރައްވާ އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަނިކުފާނު ވަނީ ކުރައްވާފަ،" މަލީހު ސަސްޕެންޑުކޮށް ޕާޓީން އޭނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.