ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި

ދިޔަވަރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ މިރެއާ ހަމައަށް ގެންދާ ބައްދަލުވުމުގައި، އެ ޕާޓީގެ އިސްބޭފުޅުންނާއި ދާއިރާތަކުގެ ރައީސުންނާއެކު، 81 މެމްބަރުން ބައިވެރިވާ ކަމަށެވެ.

އޭގެ ތެރޭގައި، ޕާޓީ ހަރުދަނާކުރުމާއި ކުރިއަށް ދާނެ ގޮތްތަކެއް ނިންމާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

މިއީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމްޑީޕީން ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު ރާއްޖޭގައި ނޫޅުއްވާތީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނަވަ އެވެ.

އެމްޑީޕީން، މީގެ ކުރިން ވެސް އުކުޅަހުގައި ގައުމީ މަޖިލިސް ބޭއްވި އެވެ.

އިބްރޭ ވިދާޅުވީ މި ފަހަރު ވެސް ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވީ އުކުޅަހުގައި ކޮންވެންޝަން ސެންޓަރު ހުރުމާއި އެ ތަނުން އެކޮމޮޑޭޝަން ލިބޭތީ އެވެ.