ބިންވެރިޔާ ސްކީމުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުލުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ހިލާފު ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް މިވަގުތު އއ. އުކުޅަހުގައި ހުންނަވާ ފައްޔާޒު "އަދަދު" އަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯއްޗާއި ފުލެޓުތައް އަތުލަން އުޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
"ސަރުކާރަކުން ކޮށްފަ އޮތް ކަމެއް، ރައްޔިތުންނާ ގުޅުންހުރި ކަމެއް، އެހެންވީމަ އެކަން އެގޮތަށް ކުރިއަށް ދާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަން ބަދަލުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެކަމަށް އިހުތިޖާޖު ވެސް ކުރާނަން، އެނޫން ގޮތަކަށް އެބޭފުޅުން އެކަން ކުރައްވާ ކަމަކަށް ވަންޏާ،" ފައްޔާޒް ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒު އިތުރަށް ވިދާޅުވީ، ގިނަ ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓު ދެއްވުމުގައި ވެސް ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ވަރަށް ސާފުކޮށް މިއަދުގެ ރައީސުލްޖުމްހުރިއްޔާ ކެމްޕޭނު ކުރައްވަމުން ދިޔައިރު ވިދާޅުވެފަ އެބަހުރި، ވަރަށް ހަރުކަށިކޮށް ވެސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެސް. އަދި އެކި ގޮތް ގޮތުން ވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް ވީޑިއޯތަކާ އެއްޗެހި އެބަހުރި ފެންނަން އެކަންކަން ކުރިއަށް ގެންދަވާނެކަން، އެޔަކަށް ބަދަލެއް ނުގެންނަވާނެކަން،" އޭނާ ވިދާޅުވި އެވެ.
މި މަހު 20 ގައި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ދޫކޮށްފައިވާ ރެޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ވެސް އޭނާ ސުވާލު އުފެއްދި އެވެ.