ޚަބަރު

ޕީޕީއެމް އިން ކުރިން ދެއްކި ވާހަކަތަކާއި މިހާރު ޚިލާފު! ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ކޮލިޓީއާއި މެދު ކަންބޮޑުވުމެއް ނެތް!

ދިޔަވަރު
ޕީޕީއެމް އިން ކުރިން ދެއްކި ވާހަކަތަކާއި މިހާރު ޚިލާފު! ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ކޮލިޓީއާއި މެދު ކަންބޮޑުވުމެއް ނެތް!

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނުގެންގުޅުއްވާ ކަމަށް، އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ބުދަ ދުވަހު ބެއްލެވުމަށްފަހު، ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ބުރިޖުގެ ބައެއް މަސައްކަތްތައް ކުރަމުންދިޔަ ގޮތާމެދު، އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ސޯޝަލް މީޑިޔާގައި އެފަދަ ވާހަކަތަކެއް ދައުރުވިކަމަށެވެ.

ވަޒީރު ވިދާޅުވީ ސޯޝަލް މީޑިޔާއިން ފެނުނު މަންޒަރުތަކަކީ އަމަލުކުރުން އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް ހިނގިނަމަވެސް އެ މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އަރުޕް ކޮންސަލްޓަންޓުން އެކަމެއް ރަނގަޅަށް ބަލާކަމަށެވެ.

އެގޮތުން ބުދަ ދުވަހު ރައީސް ޑރ. މުއިއްޒު ބުރިޖު ސައިޓަށް ކުރެއްވި ޒިޔާރަތުގައިވެސް ކޮންކްރީޓް ސްޓްރަކްޗަރާ ގުޅޭ ސުވާލުތައް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮލިޓީގެ އިޝޫ [މައްސަލަ]. އޭރު ސޯޝަލް މީޑިޔާއިން ފެންނަ ބައެއް ކަންތައް، މިސާލަކަށް ދަންނަވާކަމުގަ ވަންޏާ، ކޮންކްރީޓް އެޅުމުގަ ފެނުނު ކަހަލަ ބައެއް ކަންތައް ދެން އެއީ އެންމެ ރަނގަޅު ޕްރެކްޓިސްއަކަށް ނުވެދާނެ. އެހެންނަމަވެސް ކޮންސަލްޓަންޓްވެސް 24 ގަޑިއިރު މަސައްކަތް ކުރާއިރު އެތާ ތިބޭ. ދެން އެކަހަލަ ކަމެއް ހިނގީމަ، އެބޭފުޅުން ހަމަ ޗެކްކޮށް ބަލާ. ދެން އިއްޔެވެސް ރައީސްވެސް އެއްސެވި ކޮންސަލްޓަންޓް އަރިހުންވެސް، ކޮންކްރީޓް ސްޓްރެންތާ މި އެއްޗެހިތައް. ހަމަ އެ އެއްޗެހިތައް ފުދޭވަރަކަށް ރަނގަޅު ކޮލިޓީގަ ފެންނަނީ. އަޅުގަނޑުމެން ކާސްޓިންގ ޔާޑަށްވެސް ދިޔައިން. ބަލާބެލުމަށް ރަނގަޅު ކޮލިޓީއެއްގަ ހުރީ.

ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު

ވަޒީރު ވިދާޅުވީ ބުރިޖުގެ މަސައްކަތްތަކުގެ ޓެސްޓުތަކާއި ޓެސްޓު ރިޕޯޓުތައްވެސް ސަރުކާރަށް ލިބޭކަމަށާއި، އެ ޓެސްޓު ރިޕޯޓުތައް ވެރިފައިކުރުމުގެ މަސައްކަތް ކޮންސަލްޓެންޓުން ކުރާކަމަށެވެ.

އެގޮތުން ބުރިޖުގެ ޓެސްޓް ޕައިލިންގެ މަސައްކަތްތައް ހަރުކުރުމުގެ މަސައްކަތުގެ ތެރޭގައިވެސް ބަލަންޖެހޭ ކަންކަން ހުރީ ބަލާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކަމެއް ފާހަގަވެއްޖެނަމަ، އެކަމެއް މީޑިޔާއަށް ތިލަކޮށްދެއްވާނެ ކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރައްވާނެ ކަމަށެވެ.