ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ދާދި ދެންމެއަކު ނިންމަވައިފި! މިކަން ވަނީ ރައީސް ޔާމީނުގެ އަރިސް ފަރާތުން ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފައެވެ.
ޕީޕީއެމް ވަނީ ރައީސް މުއިއްޒުގެ ކޮންޓްރޯލް ދަށުގައި ހައިޖެކް ކޮށްފައެވެ. އަދި ޕީޕީއެމް މެމްބަރުންނާއި އެކު ޕާޓީ ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދީ، ޤާނޫނު އަސާސީއިން ލިބިދޭ ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން މުއިއްޒު ވަނީ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނަގާފައި ކަމުގައި މައުލޫމާތު ދެއްވި ފަރާތުން ހާމަކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ މިކަން ޗެނަލް 13 އަށް ކަށަވަރު ކޮށްދީފައެވެ. އަދި ޕީޕީއެމް ލީޑަރޝިޕް ޔާމީނާއި ދުރަށް ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ ލޯޔަރު ޑރ ޖަމީލު ވަނީ ފާހަގަ ކޮށްފައެވެ. ރައީސް ޔާމީނު ފިޔަވައި، ރައީސް ސާލިހުއާއި ދެކޮޅަށް މަސައްކަތް ކުރި ބޭފުޅެއް ނެތް ކަމަށާއި، އަދި ގައުމު އިސްކުރައްވާ، އެތައް ހާސް ރައްޔިތުންގެ މަސްލަހަތު އިސް ކުރައްވާ މަސައްކަތް ކޮށްދެއްވި ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި މި ގޮތުގެ މަތިން ކެނޑިޑޭޓެއް ދައްކުވައި ސަރުކާރު ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ ރައްޔިތުން ސަރުކާރު ބަދަލުކުރަން ވަރަށް ބުރަ މަސައްކަތެއް ކުރެއްވި ކަމަށާއި، ޑރ. މުއިއްޒަށް ރައްޔިތުން ވޯޓު ދެއްވީ ރައީސް ޔާމީނުގެ މިނިވަކަން ކަމަށް މަސައްކަތް ކުރުމަށް ބައްލަވައިގެން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. ނަމަވެސް މިއަދު މުއިއްޒާއި ޕާޓީގެ އޭރުގެ ތިއްބެވި ފަރާތްތަކުން ރައީސް ޔާމީނު މިނިވަން ކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށާއި، ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަނީ ގިނިކަންޏާކަމަށް ވިދާޅުވިއެވެ.
އަދި މުއިއްޒު، ރައީސް ޔާމީނުގެ ފޯނު ނުނަންގަވާ ކަމަށާއި، ޕީޕީއެމް ގެ ލީޑަރޝިޕް ދުރަށްޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. މިއިންތިހާބު މުއިއްޒަށް ކާމިޔާބު ކުރެއްވުމަށް ފަހު، މި ވީ ދުވަސްކޮޅުގައިވެސް، ރައްޔިތުން ތިބީ މުއިއްޒާއި މެދު މާޔޫސް ވެފައިވާ ކަމަށާއި، އަދި މުއިއްޒު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެފައި ކަމަށް ވިދާޅުވިއެވެ.
ސަރުކާރު އެކުލަވާލާފައިވަނީ ވެސް އެއްވެސް މަޝްވަރާ ނުކޮށް ކަމަށާއި، ސަރުކާރުގައި ތިބީ، ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރި މީހުންގެ ބަދަލުގައި، ނުދަންނަ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީނު ޖަލުން ފޮނުވި ނޯޓުތައް އަބްދުއްރަޙީމް އަދުރޭ އަމިއްލައަށް ބޭނުންފުޅުވާ ގޮތަށް ބަދަލު ކުރައްވައި ޕީޕީއެމްގެ ފަރާތްތަކަށް އޮޅުވާލާފައިވާކަމަށް އިއުތިރާފު ވެފައި ކަމަށް، ވަނީ ވިދާޅުވެފައެވެ.
މިއީ ރައީސް ޔާމީނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ވެރިކަމުގެ ފަސް އަހަރު ތެރޭގައި ޔާމީން ކުރެއްވި މަސައްކަތް، މުއިއްޒު ކެމްޕެއިނުގައި ދެއްކެވި ކަމަށާއި، ހުސް ގޮޑިއާއި، ފޮޓޯފުޅު ދައްކައްގެން ވެރިކަމަށް އައުމުގެ މަސައްކަތް މުއިއްޒު ކުރެއްވިކަމަށް ޑރ. ޖަމީލު ހަނދާން ކޮށްދެއްވިއެވެ. އަދި އެމަނިކުފާނު ތަރައްޤީއަށް ކުރި މަސައްކަތްތައް ތަފްސީލުކޮށް ދިނެވެ.