މިހާރު ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ ވަޒީރުންގެ ތެރޭގައި ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕަށް އެއްބަސްވެވޭނެ ބަޔަކު ތިބޭނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރުމަށް 22 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވާއިރު އޭގެ ތެރޭގައި މެންބަރުންގެ ރުހުން ނެތް ބަޔަކު ތިބިކަން ކަށަވަރުވާ ކަަމަށެވެ. ވެރިކަމަށް ހަފްތާއެއްވެސް ނުވަނީސް ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުވާން ފަށާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
22 ބޭފުޅެއްގެ ނަންފުޅު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރަން ރުހުން ހޯދަން ފޮނުވާފައިވާއިރު އޭގެ ތެރޭގައި މަޖިލީހުގައި މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި 4 ބޭފުޅުން ހިމެނޭކަން ރާއި ފާހަަގަކުރެއްވިއެވެ. އެ ބޭފުޅުންނަކީ މެންބަރުކަމުގައި ތިއްބެވިއިރު ވެސް ޤާނޫނީ ހުވައެއް ކުރައްވައިގެން ތިއްބެވި ބައެއް ކަމަށް ވާއިރު އެ ހުވާގެ މަތީގައި ތިއްބަވާ ދޮގު ވާހަކަތައް ދެއްކެވިކަން ރައްޔިތުންނަށް މިހާރު ސާފުވަމުންދާ ބައެއް ކަމަށް މެންބަރު ރާއި ވިދާޅުވިއެވެ. އެހެންވީމަ އަނެއްކާވެސް އިތުރު ދޮގު ހުވައެއް ކުރަން އެ ބޭފުޅުންނަށް ފުރުސަތު ދޭންވީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.