އިއްޔެ، އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، މެންބަރު ރާއީ ދެއްކެވި ވާހަކަަފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ޝުކުރުގެ ލިސްޓުގައި ގެނެސްފައި ނުވަނީ އެކަމުގެ ސަބަބުން މުއިއްޒުގެ ހައިބަތު ގެއްލިދާނެ ކަމަކަށް ވުމުންކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރެއްވީ މުއިއްޒުގެ އަރިސް ބޭފުޅަކު އެގޮތަށް ލަފާއެރުވުމުން ކަމަށް ވެސް މެންބަރު ރާއީ ވިދާޅުވިއެވެ.
މެންބަރު ރާއީ އިތުރަށް ވިދާޅުވީ މުއިއްޒުގެ ތަގުރީރުގައި ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި މެދު ވާހަކަފުޅު ނުދެއްކެވުމުން އެކަމާމެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަތީ އިޚުތިރާމް އަދާކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީއާ މެދު އަމަލުކުރީ އިޙުތިރާމް ކުޑަގޮތަކަށް ކަމަށް ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މެންބަރު ރާއީ ވިދާޅުވިއެވެ.