ސޯޝަލް މީޑިޔާ އިން މުއިއްޒަށް ތާޢީދު ކޮށް، ޕޯސްޓް ކުރަމުންދާ މަދު މީސްކޮޅަކީ ވަޒީފާއާއި، އަމިއްލަ މަންފާއަށް އެދި މުއިއްޒަށް ސަޕޯޓް ކުރާކަމަށް ބުނާ މީހުންނެވެ. ކޮންމެވެސް ދަހިވެތިކަމެއްގައެވެ. ބައެއް މީހުން އެމީހުންގެ ދަހިވެތިކަމާއި، ހީލަތްތެރިކަން އަމިއްލަ ނަފްސާއި އަނެކާއަށް އޮޅުވާލުމަށް އެކި ހުއްޖަތު ވަނީ ދައްކާފައެވެ.
ޤައުމަށް ވުރެ އެކަކުވެސް ބޮޑެއް ނޫން، އެންމެ ފުރަތަމަ ޤައުމު!
މިހެން ދައްކާ ވާހަކަ ތަކުގެ ތެރޭގައި ޤައުމަށް ވުރެ އެކެއްގެ މަސްލަހަތުވެސް ބޮޑެއް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކައެވެ! އަދުރޭ އެހެން ބުނަމުން ދާއިރު، އެ ހިމާޔަތް ކޮށް، މަސްލަހަތު އެ އިސްކުރަނީ އޭނާގެ ބާރުގައި ގެނައި 440 ސިޔާސީ މަޤާމުގެ މަސްލަހަތެވެ. ޤައުމުގެ މަސްލަހަތަށް ވުރެ އަދުރޭއަށް އަބަދުވެސް ބޮޑުވާނީ އޭނާ އާއި އޭނާގެ ދަރިފުޅުގެ މިނިސްޓަރުކަމާއި، އޭނާގެ ބާރުން ވަޒީފާދިން ފަރާތްތަކެވެ. ވަޒީފާއާއި، މާލީ އެކި މަންފާގައި، މުއިއްޒަށް ސަޕޯޓް ކުރާކަމަށް ބުނާ ފަރާތްތައް ތިބީ ޤައުމަށް ވުރެ އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެންނެވެ. އެ އެންމެން ތިބީ، ޔާމީނަކަސް، ޤައުމަކަށް، އޭގައި ކޮޅުފައިން ޖަހައި ވެރިކަމުގެ ބާރުގެ ތެރޭގައި ލިބޭ މަންފާތަކެއް ހޯދުމަށް ތައްޔާރުވެގެންނެވެ. ހިތްމައްޗަށް އަންނަނީ، ދައްޖާލު ކައިރިއަށް، އޭނާގެ އާރާއި ބާރުން ލިބޭ މަންފާ ހޯދުމަށް ފަހުޒަމާނު މީހުންތައް އެއްވާ ފިތުނަވެރި މަންޒަރެވެ.
މަޖިލިސް އިންތިހާބަށް އަސަރު ކޮށްފާނެ ކަމެއްގައި ބައިވެރިވާން ނެތިން!
ރައީސް ޔާމީނަކީ ސިޔާސީ ލީޑަރެކެވެ. އެމަނިކުފާނުގެ ސިޔާސީ ވަރަ ކޮށައި، އެކަނިވެރިކޮށް އެއްލާލުމުގައި ބައިއަތު ހިފި ފަރާތްތައް ދައްކާ އެއް ވަހަކައަކީ ޕީޕީއެމް ބައިބައި ކުރުމުގައި ބައިވެރި ނުވާނެ ވާހަކައާއި އެއިން މަޖިލިސް އިންތިހާބަށް އަސަރު ފޯރާނެ ވާހަކައެވެ. ނަމަވެސް ހަޤީގަތުގައި އެ ބުނެވެނީ ޔާމީނުގެ ސިޔާސީ ހަޔާތް ނިންމާލަ ދިނުމަށެވެ.
އިންތިހާބުގެ ކުރިން ރައީސް ޔާމީން ވިދާޅުވީ، އިންތިހާބުގައި އެއްވެސް ވަރާތަކުން ބައިވެރި ނުވުމަށެވެ. އެހެން އެދިފައިވަނީ ސިޔާސީ ބާރު ގެއްލުމަށްވުރެ، ސިޔާސީ ބާރާއި އެކު، ޖަލުގައި އޮތުން ވެސް ހަޤީގަތުގައި މުހިންމު ވުމުންނެވެ. އެބާރު ނެގީ ރައީސް ޔާމީނާއި ދެކޮޅަށް ހިންގި ބަޣާވަތެއްގައި، އަދުރޭ އާއި މުއިއްޒެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަކީ ހަމަ އެކަނި ވެރިއަކަށް ހުންނަ މީހާއަށް ފުރުޞަތު ދީފައި، އެކަން ބޭނުންވާ އެހެން މީހުން އެ ފުރުޞަތުން މަހުރޫމު ކުރެވޭ ގޮތަށް އޮންނަ ކަމެއް ނޫނެވެ. ޔާމީނަށް ސިޔާސީ ބާރެއް ދެން ލިބެން އޮތީ މަޖިލީހުންނެވެ. އެއީ އެމަނިކުފާނު، އޭރު ޖަލުގައި އޮތަސް، ޖަލުން ބޭރުގައި ހުއްޓަސް، ކުރައްވާނެ މަސައްކަތެވެ. އެ ސިޔާސީ ހަޤީގަތް ގަބޫލު ކުރަން ބޭނުން ނުވާ މީހުން، ސިޔާސީ ކަންކަމުގައި ބަސްބުނަން ލަދުވެތި ވާން ޖެހެއެވެ.
ޑިމޮކްރެޓްސް އާއި އެމްއާރުއެމް އަށް ޖެހުނު ހާލޭ ޖެހޭނީ
ރައީސް މައުމޫނު ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި އިރު، ޕީޕީއެމްގައި ރައީސް މައުމޫނުގެ އެއްވެސް ސަޕޯޓެއް ނެތެވެ. ރައީސް މައުމޫނާއި، އޭނާގެ ފަރާތުން ސަރުކާރާއި ދެކޮޅަށް ނުކުތް މީހުން ނުކުތީ ޔާމީނު ވެރިކަން ކުރާތާ އެތައް އަހަރެއް ފަހުންނެވެ. އޭރު އެތާޢީދު އޮތީ ރައީސް ޔާމީނަށް ބަދަލުވެފައެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ރައީސް ޔާމީނުގެ ޗެނަލް 13 އާއި، އޭރުގެ ޕީއެސްއެމް އެވެ. ޑިމޮކްރެޓްސް އަށް ލިބުނު 16،000 ވޯޓަކީ، ވެރިކަމަށް ހޮވި ދުވަހުން ފެށިގެން ނަޝީދުގެ އަޑިނުބައި ރޭވުމުގެ ތެރެއިން ޕާޓީ ތެރޭގައި ދިޔައީ ފިތުނަ އުފައްދައި، އޭނާގެ ދަލުގައި މީހުން ޖައްސަމުންނެވެ. ފުރަތަމަ ދުވަހުވެސް، އިބޫއަކީ ތަޢުލީމެއް ނެތް މީހެއް ކަމަށާއި، އޮސްޓްރޭލިއަށް ގޮސް ނުކިޔަވާ ކަމަށް ޕާޓީ ތެރޭ އަޑު ފެތުރީވެސް ނަޝީދު އިސްވެ ހުރެގެންނެވެ. އެ ހިސާބުން ފެށިގެން އެތެރެއިން ކުރަމުން އައި މަސައްކަތެއް ފަޅައިގެން ގޮސް ބޭރަށް ނުކުތީ، އެއް ޖިންސުން ގުޅުން ހިންގައިގެން ނާޒިމް ހައްޔަރު ކުރުމުންނެވެ. ނަމަވެސް ތޮށިގަނޑު ފަޅާލާފައި ބޭރަށް ނުކުތްލެއް ލަސްވުމުން އެމްޑީޕީއެއް ރޫޅާ ނުލެވުނެވެ. %7 ވޯޓު ލިބުނީ ރައީސް ސޯލިހް ވެރިކަމަށް އައިސް ސުރެ، އެތެރޭގައި ހުންނަވައިގެން ސަރުކާރު ބަލިކަށިކޮށް، ސަރުކާރާއި މެދު ދޮގު އިލްޒާމު އަޅުވައިގެން ކުރި މަސައްކަތުންނެވެ.
ޔާމީން، ޕީޕީއެމް ދޫކޮށް އެ ނުކުތީ މިކަމަށް އެންމެ އެކަށޭނެ ވަގުތުގައެވެ. މިވަގުތު ނުކުމެ، ރައްޔިތުންނާއި ހަމައަށް އަލަށް އުފެދޭ ޕާޓީއަށް ދެވި، ރައީސް ޔާމީނުގެ މެސެޖު ޕީޕީއެމް މެމްބަރުންނަށް ފޯރުކޮށް ދެވިއްޖެނަމަ، ޔާމީނުގެ ޕާޓީ ޕީއެންސީ އާއި ޕީޕީއެމް އަށް ވުރެ ބޮޑުވާނެއެވެ. އަދި މަޖިލިސްގެ ގިނަ ގޮނޑިތަކެއް ލިބުން އެކަށީގެން ވެއެވެ.
ޖަމީލުމެންނަކީ ކުރިން ޔާމީނާއި ދެކޮޅު ބައެކޭ!
ޖަމީލުމެންނަކީ އިރެއްގައި ޔާމީނާއި ދެކޮޅު ބައެކެވެ. ނަމަވެސް ޔާމީނު އެންމެ ހާލު ޖެހުނު ވަގުތު ޔާމީނުގެ ދިފާޢުގައި މިއަދު ހުންނެވީ ޖަމީލެވެ. ޔާމީނަށް ބާރާއި ނުފޫޒު ލިބޭނެ ކަމަށް ބަލައި 2018 ގައި ޔާމީނުގެ އަރިހުގައި ތިބި އިސް ފަރާތްތައް އަނެއްކާވެސް، ބާރު އޮތް ދިމާލަށް ދިޔުމުން އަންގައިދެނީ، އެމީހުންނަކީ އިހްލާސްތެރި ބައެއް ނޫންކަމެވެ. މިއަދު އެމީހުންނަކަށް ޖަމީލާއި ދިމާލަށް ޖަމީލުމެން ކުރިން ޔާމީނާއި ދެކޮޅު ނުންހޭ ބުނުމުގައި އޮތީ އަމިއްލަ މީހާގެ ދެފުއް ދެގޮތްކަން އެކަންޏެވެ.
ހުރިހާ ކަމެއް ޤުރުބާން ކޮށް، މިއަދު ޔާމީނާއި އެކު ހުންނެވީ ޖަމީލެވެ. ބަދަލުވެދާ ސިޔާސީ ހަޔާތުގެ ތެރެއިން އެކުވެރިންނާއި ބައިވެރިން ކުނިޖެހި ދެކޮޅުވެރިވެ، އަނެއްކާވެސް ހަމަ އެއް ގަލަކަށް އަރައެވެ. އަދި ސިޔާސީ މިތުރުން ހަތުރުންނަށްވެ، ހަތުރުން މިތުރުންނަށްވެސް ވެގެން ދެއެވެ. އެއީ ސިޔާސީ ހަޤީގަތެވެ. މުހިންމު ކަމަކީ މިއަދު ޔާމީނު އަރިހުގައި ތިބީ ކޮން ބައެއްކަން ދެނަގަތުމެވެ. މުއިއްޒު ފައިބުޑަށް ވެއްޓޭ ބަޔަކު، ޔާމީނާއި އެކު ނެތްކަން އެއީ ހަމަ ޔަގީން ކަމެކެވެ.
މުއިއްޒަށް 5 އަހަރުގެ ދައުރެއް ހަމަކުރުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. މުއިއްޒުގެ އަނިޔާވެރިކަމާއި، މުއިއްޒަށް އެންމެ ހަފްތާއަކަށްވެސް ސަރުކާރު ސަރާސަރު ކޮށް ނުލެވުމަކީ، މުއިއްޒުގެ ޤާބިލުކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ. އެހެން ކަމުން މަޖިލިސް ދޫވެގެން ގޮސްފިނަމަ، މުއިއްޒުގެ އަޒަލު ޤާނޫނީ އިމުގެ ތެރެއިން މަޖިލީހުން އަންނާނެ މަންޒަރު ކައިރިން ބޮޑުކޮށް ފެނެއެވެ. އެ ރޫހާއި އެ އަޑުތައް މީހުންގެ މެދުގައި އެބަ އޮތެވެ.