ރައީސް ޔާމީނުގެ ބެލުމުގެ ދަށުން 1 ޑިސެމްބަރ 2023 ގައި މާލޭގައި ބޮޑު ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ސިއްރުން ރާވަމުންދާ ކަމުގެ މައުލޫމާތު ވަރަށް މުއުތަބަރު ފަރާތަކުން މިނޫހަށް ފޯރުކޮށް ދީފިއެވެ. މި ހަރަކާތަށް ވަކި ބަޔަކު ތައްޔާރު ވަމުންދާ ކަމަށާއި، މިއީ ވަރަށް ސިއްރުކޮށްގެން ރާވަމުންދާ ހަރަކާތެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިނޫހުން އިތުރަށް ކުރި މަސައްކަތުން މި ކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވަނީ، ފުލުހުންގެ ޚިދުމަތުގައި ތިބި ބަޔަކު ދުރުކޮށް، ފާއިތުވި ދައުރުގައި ފުލުހަށް ނުގެންނަވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނި ޔާމީނުގެ ބާރު ފުލުހުންގެ ތެރޭގައި އޮވެދާނެ ކަމަށް ބަލައިގެންނެވެ. އަދި މި ގެނައި ބަދަލުތަކާއި މެދު ފުލުހުންގެ ތެރޭގައި ބަޔަކު މުއިއްޒުގެ ވެރިކަމާއި މެދު ހިތް ހަމަ ނުޖެހިފައި ވާކަމަށްވެއެވެ.
މީގެ އިތުރުން، އުތުރު ތިލަފަޅާއި، އެމްއެންޑީއެފް އާއި ގުޅުވައިގެން އެބޭފުޅުންގެ އަބުރާއި އިއްޒަތަށް ހުތުރުވާހެން ދޮގު ހަދައިގެން ހަބަރު ފެތުރި ފަރާތްތައް މުއިއްޒުގެ އަރިހުގައި ތިބުމުން، އެމްއެންޑީއެފްގެ ހިތްހަމަ ނުޖެހުންވެސް ސަރުކާރާއި މެދު އޮތްކަމަށް ގިނަބަޔަކު ޤަބުލު ކުރެއެވެ.
ސިޔާސީ ގޮތުން ޕީޕީއެމް އިން ބަޔަކު މީހުން ލިބޭ މަންފާއަކަށް މުއިއްޒު އަރިހުގައި މިވަގުތު ތިއްބަސް އާންމު މެމްބަރުންގެ ގިނަބަޔަކު ތިބީ ރައީސް ޔާމީނު އަރިހުގައެވެ. އަދި މުއިއްޒުގެ ސަރުކާރު އަދި އޮތީ ވަރަށް ބަލިކަށިކޮށެވެ.
މުއިއްޒުގެ ސަރުކާރު މަޖިލިސްތެރެއިން ޤާނޫނީ އިމުގެ ތެރެއިން ނިމުމަކަށް ގެނަޔަސް، މަގުމަތިން އެއްވެސް ސަރުކާރެއް ވައްޓާލުމަކީ ދިޔަވަރު ނޫހުން ތާއީދު ކުރާ ކަމެއް ނޫނެވެ.