ޚަބަރު

ބްރޭކިންގ: އަދުރޭ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިސްފަރާތްތަކާއި ބައްދަލުކޮށް، ޔާމީނަށް ވަފާތެރި ވަޒީރުންނަށް ރުހުން ނުދިނުމަށް މަޝްވަރާކޮށްފި!

ދިޔަވަރު
ބްރޭކިންގ: އަދުރޭ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިސްފަރާތްތަކާއި ބައްދަލުކޮށް، ޔާމީނަށް ވަފާތެރި ވަޒީރުންނަށް ރުހުން ނުދިނުމަށް މަޝްވަރާކޮށްފި!

މި ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި، ޔާމީނަށް ވަފާތެރި ވަޒީރުންނަށް ރުހުން ނުދިނުމަށް އެދި އަބްދުއްރަހީމް ވަނީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިސް ބައެއް ފަރާތްތަކާއި ވަކިވަކިން މަޝްވަރާ ކޮށްފައިވާކަން ކަށަވަރު ވެއްޖެއެވެ. މިކަން އަބްދުއް ރަހީމް ކޮށްފައިވަނީ މުއިއްޒުގެ އެދުމުގެ މަތިން ކަމުގައިވެއެވެ.

މުއިއްޒުގެ ކެބިނެޓަށް ވަޒީރުންތައް އައްޔަން ކުރުމަށްފަހު، އޭގެ ތެރެއިން ބަޔަކު ވަކި ކުރުމަށް ނިންމީ، ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ، އާ ޕާޓިއެއް ހެދުމުގެ މަސައްކަތް ކުރަންފެށުމާއި ގުޅިގެންނެވެ. އަދި މިވަގުތު، މުއިއްޒު އަމިއްލަފުޅަށް ކެބިނެޓުގައި ތިބި ބަޔަކު ވަކި ކޮށްފިނަމަ، މުއިއްޒުގެ ސަރުކާރު ބަލިކަށިކަމަށް ފެންނާނެތީއާއި، އަދި މިވަގުތު، އެފަދަކަމެއް ކޮށްފިނަމަ، ސަރުކާރުގެ އެތެރޭގައި ބައިބައިވުން އުފެދިގެން ހިނގާދާނެކަމަށް ބެލެވޭތީ، މުއިއްޒު ބޭނުންވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އަބްދުއްރަހީމް ބައްދަލުކޮށް އެދިފައިވާކަމަށް މަޖިލިސް މެމްބަރަކު ކިޔައިދެއްވިއެވެ.

އެގޮތަށް ވާހަކަ ދެއްކުމަށް ފަހު، މުއިއްޒު ރުހުން ނުދިނުމަށް ބޭނުންވާ މީހުންގެ ލިސްޓަކީ މިއީ ކަމަށް ބުނެ، ޔާމީނަށް ލޯޔަލް ވަޒީރުންތަކެއްގެ ނަންޖަހާފައިވާ ލިސްޓެއް އަބްދުއްރަހީމް ހަވާލުކުރި ކަމަށްވެއެވެ. އަދި މިގޮތަށް ކަން ކޮށްދީފި ނަމަ، އެމްޑީޕީގެ ފަހަތުން އެއްވެސް ކަމެއްގައި ނުދާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އަބްދުއްރަހީމް ވަނީ ބައެއް މަޖިލީސް މެމްބަރުންނަށް ގުޅައި، ކެބިނެޓަށް ރުހުން ނުދީފިނަމަ، އެމްޑީޕީ މެމްބަރުންގެ ފަހަތުން ދާނެ ކަމަށް ބުނެފައެވެ.