މަސް ގަންނަ އަގު ބޮޑުކޮށް، 25ރ. އަށް މަސްކިރުވަނީ ދައުލަތުން މިފްކޯއަށް ސަބްސިޑީ ދީގެން ކަމަށާއި އޭގެ ސަބަބުން ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެ ކުރިމަތިވާ މާލީ ބުރަ ބޮޑުވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުމަހުގެ އަގު 25ރ. އަށް ބޮޑުކުރީ ސިޔާސީ މަގުސަދެއްގައި ކަމަށާއި މިފްކޯއިން މަސްވެރިން އަތުން ގަންނަ މަހުގެ ފައިސާ ބަރާބަރަށް ދިނުމުގައި ދަތިވެގެން އުޅުމުގެ އަސްލަކީ ވެސް އެއީ ކަމަށެވެެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކާއިި ސަރުކާރު ކުންފުނިތަކަށް ވެސް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ މިހެން ދިވާޅުވި ކަމުގައި ވިޔަސް، ދުނިޔޭގެ ބާޒާރުގައި، މަސްގަންނަ އަގު ވަނީ މިހާރު އުފުލިފައެވެ. އެހެންކަމުން މަސްގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް މަސް އަގުބޮޑުކޮށް ގަނެ، ވިއްކޭނެއެވެ. މަހުގެ އަގު ބޮޑުވާން ޖެހޭ ސަބަބަކީ ތެލުގެ އަގަށާއި، ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން، ތަކަތީގެ އަގަށް އައި ބަދަލެވެ. މި ބަދަލާއި އެކު، މަސްވެރިންނަށް ކުރިން ލިބުނު އާމްދަނީ އިން ދެކޮޅު ނުޖެހެއެވެ.
ރާއްޖޭގެ ވިޔަފާރިވެރިން މަސައްކަތް ކުރަމުންދަނީ، އަގުބޮޑުކޮށް ބޭރުގައި މަސް ވިއްކުނަސް އެމީހުންގެ ޚަރަދު ކުޑަކުރުމަށް، ނުއަގުގައި މަސްގަތުމަށެވެ. ނަމަވެސް މާކެޓަށް އައި ބަދަލާއި އެކު މަސް ބޭރަށް އަގުބޮޑުކޮށް އެކްސްޕޯޓް ކުރެވޭ އިރު، އޭގެ ފައިދާ މަސްވެރިންނަށް ވެސް ފޯރަން ޖެހެވެ. ހުރިހާ ތަކެއްޖެއްގެ އަގު ދުނިޔޭގައި ބޮޑުވެފައިވާ އިރު އަގަށް އަންނަ ފަރަގުން މަސްވެރިންގެ މަސްވިއްކާ އަގަށް އެބަދަލު ނާންނަ ނަމަ، މަސްވެރިކަން ކުރަން ޖެހޭނީ ގެއްލުމުގައެވެ. އެހެން ކަމުން މިއީ ރާއްޖޭގެ މަސްވެރިންނަށް އޭގެ އަސަރު ނުހަނު ބޮޑަށް ކުރާނޭ ކަމެކެވެ.
އާ މިނިސްޓަރު ވިސްނަވަންވީ، މަހުގެ އަގު ދުނިޔޭގެ މާކެޓްގައި މިހާރު އުފުލިފައި ހުރި ވަރު ބަލައި، މިފްކޯއިން އެއަގާއި އެއްވަރަށް ބޭރަށް މަސްވިއްކުމަށް! އަދި އާ މާކެޓްތައް ހޯދައި ދިނުމަށް! އެމަސައްކަތް ނުކޮށް މަސްވެރިންނަށް އަދަބު ދިނުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫން!
މި ދާއިރާގެ ފަންނީ މާހިރަކު ދިޔަވަރު ނޫހަށް ކިޔައި ދެއްވިއެވެ.
އިތުރަށް ދިޔަވަރު ނޫހުން މައުލޫމާތު ހޯދި ގޮތުގައި، ސަރުކާރަށް އެއްބާރުލުންދީ، އަންނަން އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ޚަރަދު ކުރުމަށް މަސް އެކްސްޕޯތް ކުރާ ކުންފުނިތަކުން ވަނީ އެއްބަސްވެފައެވެ. މަހުގެ ހަމަ އަގުގައި މަސްވިއްކުމަށް ދެކޮޅު ހަދަމުން ދަނީ، މަސް އެކްސްޕޯޓުގައި މޮނަޕޮލީ އޮންނަ ބައެއް ކުންފުނިތަކެވެ.