ޕްރޮގުރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ އޮފީސް ހިންގަމުންދިޔަ އިމާރާތުގައި ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީގެ އޮފީސް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް މަލީހު ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތުގައި ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ އޮފީސް ގާއިމު ކުރުމުގެ އުއްމީދުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީވުން އެދޭ ގޮތް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
"ރައީސް ޔާމީން އަލަށް ހައްދަވާ ޕާޓީ، ޕީޕީއެމްގެ އޮފީސް ކުރިން ހުރި ތަނުގައި ހިންގުމަށްޓަކައި އެ އުއްމީދުގައި އެ މަސައްކަތް ކުރަމުން މިދަނީ،" މަލީހު ވިދާޅުވި އެވެ.
އިއްޔެއާ ހަމައަށް ޕީޕީއެމްގެ އޮފީސް ހިންގަމުންދިޔައީ ހ. ހުރަފާ ގަ އެވެ. ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ވަކީލުން މެދުވެރިކޮށް ރައީސް ޔާމީން އިއުލާނު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެރެ އެވެ. އެއާއެކު އިއްޔެ ހ. ހުރަފާ ގޭގެ ވެރިފަރާތުން ވަނީ އެތަނުގައި ހިންގަމުންދިޔަ ޕީޕީއެމް އޮފީސް ހުސްކުރަން އެ ޕާޓީއަށް އަންގައިފަ އެވެ.
ގޭގެ ވެރިފަރާތުން ޕީޕީއެމްއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ތަނަކީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތީން ރައީސް ޔާމީންގެ އޮފީހެއް ހިންގުމަށް ކަމަށް ކުއްޔަށް ދޫކޮށްފައި ހުރި ތަނެއް ކަމަށާއި އެއް ދުވަސް ތެރޭގައި އެތަން ހުސްކޮށް ވެރިފަރާތާ ހަވާލު ކުރުމަށް އަންގާ ކަމަށެެވެ.
ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.
ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެ އެވެ.