ޚަބަރު

ސުވިމިން ކެޕެއް އަޅުއްވައިގެން, ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ދިވެހި ސަގާފަތާއި ބީރައްޓެހި ވައްޓަފާޅިއެއްގައި!

ދިޔަވަރު
ސުވިމިން ކެޕެއް އަޅުއްވައިގެން, ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ދިވެހި ސަގާފަތާއި ބީރައްޓެހި ވައްޓަފާޅިއެއްގައި!

މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނުގެ ކެބިނެޓަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެންދިޔަ އެއް ކަމަކަށް ވެގެން ދިޔައީ, އެއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އަންހެން ބޭފުޅުން އެންމެ މަދު ކެބިނެޓް ކަމުގައި ވެގެން ދިޔަ ހިސާބުންނެވެ.

ހަމަ އެއާއެކު, ކެބިނެޓްގައި އަންހެން ބޭފުޅުން މަދުވުމުގެ އިތުރަށް ޑރ. މުއިއްޒުގެ ސަރުކާރު ވެގެން ގޮސްގައިވަނީ މުޅި ސަރުކާރުގައިވެސް އަންހެން ބޭފުޅުންގެ ހިއްސާ މަދު, އަދި ސަރުކާރުގެ މަތީ ފަންތީގެ މަގާމްތަކުގައި އުމުރުން ދުވަސްވީ މީހުން ގިނަ ސަރުކާރެއްގެ ގޮތުގައެވެ. ކުރު ގޮތަކަށް ދަންނަވަނީނަމަ މުޅި ސަރުކާރުގައި ޒުވާނުންގެ ހިއްސާ ކުޑައެވެ.

އެހެންނަމަވެސް މިހުރިހާ ކަމެއްގެ އިތުރަށް, ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ބޭބޭފުޅުންގެ ތެރެއިން މިހާރު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެންދާ އެއް ފަރާތަކަށް ވެގެން ގޮސްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމަށް މުއިއްޒު އައްޔަން ކޮށްފައިވާ ޑރ. މަރިޔަމް މާރިޔާއެވެ.

މިގޮތުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެގެން ގޮސްފައިވަނީ, ހެދުން އެޅުއްވުމުގައި އޭނާ ގެންގުޅުއްވަމުން ގެންދަވާ, ދިވެހިން ސަގާފަތާއި ގުޅުންނެތް ވައްޓަފާޅިއެއްގެ ސަބަބުންނެވެ. ރާއްޖޭގައި ބުރުގާ އެޅުމާއި ނޭޅުމާއި ގުޅޭގޮތުން ޚިޔާލު ތަފާތުވުން ހުރިކަމުގައިވި ނަމަވެސް, ދިވެހި މުޖުތަމަޢުގައި ބުރުގާ ނާޅާ އަންހެން ބޭފުޅުން ގިނަނަމަވެސް އެއީ ދިވެހި މުޖުތަމައުގައި މާބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކޭ މީހުންވެސް ގިނަކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް, ޑރ. މާރިޔާ ފެންނަމުން ދަނީ "ސުވިމިން ކެޕެއް" އަޅުއްވައިގެން ކެބުނެޓުގައިވެސް އިންނަވާ މަންޒަރެވެ.

ބޮލުގެ އިސްތަށިގަޑު އެކަނި ފޮރުވަން ޑރ. މާރިޔާއަށް ޖެހިފައިވަނީ ކޮން ސަބަބަކާހެދިކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެއީ ދިވެހިންގެ ވައްޓަފާޅިއާއި ގުޅުންނެތި ކޮސްޓިއުމެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކޮށްލުމަށް ޑރ. މާރިޔާއަށް ގުޅާލުމުން އެކަމަނާ ފޯނަށް ޖަވާބު ނުދެއްވާތީ އެއްވެސް މައުލޫމާތެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޑރ. މާރިޔާއަކީ ސިޔާސީ ދާއިރާއާ މާ ދޯޅަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ޑރ. މާރިޔާއަކީ ތައުލީމީ ދާއިރާއިން ގިނަ ފާސްތަކެއް ހޯއްދަވައި، އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް, ޑރ. މާރިޔާއަށް ހަޔަށް އެޑިއުކޭޝަން މިނިސްޓަރުކަން ލިބިލެއްވީ ސަން ޓްރަވަލް ސިޔާމްގެ ޕާޓީއަށް ޑރ. މުއިއްޒު ދެއްވި ފުރުސަތެއްގައެވެ.