ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އައްޔަން ކޮށްފައިވާ, އެމަނިކުފާނުގެ ޚާއްސަ މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްއަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓް މެމްބަރަކު "ދިޔަވަރު" އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި ރޭ ބޭއްވުނު އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި, މުއިއްޒު އައްޔަން ކުރެއްވި ވަޒީރުންގެ ތެރެއިން ރުހުން ނުދޭން މަޝްވަރާ ކުރެވިފައިވަނީ 5 ވަޒީރަކަށެވެ. އޭގެ ތެރެއިން 2 ވަޒީރަކަށް ރުހުން ނުދޭން މުޅި ޕީޖީ އިއްތިފާގުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ ކަމަކީ އަބުދުއްރަހީމްގެ ދަރިފުޅުގެ ކިބައިގަ ރާއްޖޭގެ އިގްތިސާދާއި ގުޅުންއޮތް އެފަދަ ވުޒާރާއެއް ހިންގާނެ ގާބިލްކަމެއް ނެތް. ފުރަތަމަ ދުވަހު އެބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކި ވާހަކައިން އެކަނިވެސް އެގެން އެބައޮތް އޭނާއަށް އެ ވުޒާރާ ނުހިންގޭނެކަން. އަނެއްކަމަކީ އިންޑަސްޓަރީގެ އިސް ފަރާތްތައްވެސް އޭނާގެ މައްޗަށް އިތުބާރެއް ނެތް
"ދިޔަވަރު" އޮންލައިންއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީން ރުހުން ނުދިނުމަށް ދެން އިއްތިފާގުވަނީ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. ހައިދަރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ޑރ. ހައިދަރު ރައްޔިތުންގެ އަތުގައި ހުރި ފްލެޓްތައް އަތުލާނެކަމަށް ބުނަމުންދާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީން ދެން ރުހުން ނުދޭން ވިސްނަމުންދަނީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލަށްކަން ހާމަކުރައްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެމްބަރު ވިދާޅުވީ އޭނާ ކިޔަވާކުދިންގެ ތައުލީމީ އަހަރަށް, އެއްވެސް ދިރާސާއަކާ ނުލާ ބަދަލު ގެންނަން ބުނަމުންދާތީ އޭނާގެ ނަންވެސް ލިސްޓުގައި އޮތްކަމުގައެވެ. ދިރާސީ އަހަރު ބަދަލުކުރާނެކަމަށް އިސްމާއިލް ވިދާޅުވުމާއި ގުޅިގެން އޭނާ މަޖިލިހަށް ހާޒިރުކުރުމަށްވެސް މިހާރުވަނީ ނިންމާފައެވެ.
އެމްޑީޕީގެ ޕީޖީން ރުހުން ނުދޭނެ ނިންމާފައިވާ އެހެން ވަޒީރުންގެ ނަން "ދިޔަވަރު" އޮންލައިންއާއި ވާހަކަ ދެއްކެވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ހާމަކުރައްވާފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެމްޑީޕީން ރަސްމީކޮށް އެކަން ހާމަކުރާނެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހުގައި އަދިވެސް އޮތީ އެމްޑީޕީގެ ސާފު މެޖޯރިޓީއެވެ. އެހެންކަމުން އެމްޑީޕީގެ ރުހުމާ ނުލާ އެއްވެސް ވަޒީރަކަށް މަޖިލިހުގެ މި ދައުރުގައި މަގާމުގަ ދެމި ނުހުރެވޭނެއެވެ.