ޚަބަރު

ޔާމީނުގެ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފައްދަން ހުށަހަޅައިފި

ދިޔަވަރު
ޔާމީނުގެ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފައްދަން ހުށަހަޅައިފި

ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް އެ ކޯލިޝަނުގެ ކުރީގެ ލީޑަރު އަދި ރައީސް އަބްދުالله ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.

ޔާމީނުގެ އާ ޕާޓީ އުފައްދަނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީންގެ ނަން މަތީގަ އެވެ.

ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ރޭގެ ވަގުތެއްގައި ޕީއެންއެފްގެ ލޯގޯ ވެސް ލޯންޗުކޮށްފައިވާއިރު އެ ޕާޓީއަށް ޔާމީނަށް ތާއީދު ކުރައްވާ މީހުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ސަރުކާރުގެ ދިފާއުގަ އެވެ.

ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ޕާޓީއާއެކު ނުކުމެ ކާމިޔާބު ކުރުމެވެ.

ނޭޝަނަލް ފްރޮންޓްގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ ޕާޓީތައް އޮޕަރޭޓު ކުރެ އެވެ. އެފަދަ ޕާޓީތައް އާންމު ގޮތެއްގައި ބެލެވިފައި ވަނީ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކުގެ ގޮތުގަ އެވެ.