ސްކޫލްތަކުގެ ކިިޔެވުން ފަށާ ތާރީހު ބަދަލު ކުރާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއުއާ ސުވާލު ކުރުމަށް ނޯޓިސް ފޮނުވައިފި އެވެ.
މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.
ރޮޒެއިނާ ހުށަހެޅުއްވީ 2025 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް ދިރާސީ އާ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައި ވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. އެ ބަދަލު ގެނައުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ވާނެ ގޮތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ކަން ފާހަގަކުރައްވާ، އެކަން ކުރުމަށް ނިންމާ ގޮތް ދެނެގަތުމަށް މިނިސްޓަރަށް ސުވާލު ކުރެއްވުމަށް ރޮޒެއިނާ ހުށަހެޅުއްވި އެވެ.
މި ހިނގާ ދިރާސީ އަހަރު ނިމޭނީ 2024 ވަނަ އަހަރުގެ ޖޫން މަހު ކަމަށްވާތީ، އާ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ، 2025 ގައި ފަށާނީ ކިހިނެއްތޯ އާއި އެ ދެމެދުގައި ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތަކީ ކޮބައިތޯ ސުވާލު ކުރެއްވުމަށް ރޮޒެއިނާ ހުށަހެޅުއްވި އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ދެކެވޭ ވާހަކައާއެކު އެންމެ ކަންބޮޑުވުން ފާޅު ކުރަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މީހުންނެވެ. ޖެނުއަރީ މަހު ކިޔެވުން ފަށަން ނިންމައިފިނަމަ ސްކޫލް ބޮޑު ޗުއްޓީ, ހައި ސީޒަންއާ ދިމާ ވުމުން އެ މުވައްޒަފުންނަށް ދަރިވަރުންގެ ޗުއްޓީގައި ބައިވެރިވާނެ ފުރުސަތު ނުލިބޭ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވާ ގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ފަށަން ބަދަލު ކުރުމަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ އާއިލާތަކުގެ އެދުމުގެ މަތީން ދިރާސީ އަހަރު ބަދަލުކުރުމުގެ ދިރާސާތައް ހެދި ނަމަވެސް ދިރާސީ އަހަރާ ކުޅުމުން ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ އަސަރަކަށްޓަކައި އެކަން މަޑުޖައްސާލައިގެން ތިބި ކަމަށެވެ.
އެހެންނަމަވެސް ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ދިރާސީ އަހަރު ދިގުދައްމާލަން މަޖްބޫރުވީ ކަމަށާއި އެކަމުގެ ސަބަބުން ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވީ ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.