އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ރޯދަ މަހުގެ ފަހުން ބާއްވަން އިލެކްޝަން ކޮމިޝަނަށް ލަފާ ދޭން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.
އިލެކްޝަން ކޮމިޝަނުން ކޮމެޓީއަށް ހުށަހަޅާފައި ވަނީ، ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެއީ، ގާނޫނު ބުނާ ޓައިމްލައިނަށް ބަލާއިރު އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހަށް ވާތީ އެވެ. އެއީ ރޯދަ މަސް ތެރެ އެވެ.
މިކަމަށް ހައްލެއް ގެނައުމަށް އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން 2 ގޮތެއް ހުށަހަޅާފަ އެވެ.
އެއް ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އެގޮތަށް ބަދަލުކޮށްފި ނަމަ، ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން އިންތިހާބު ބޭއްވޭނެ އެވެ. އެއީ މާޗް ނުވަވަނަ ދުވަހެވެ.
ދެވަނަ ގޮތަކީ އިންތިހާބު އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އަވަހަށް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީއަށް ފެއްޓޭނެ އެވެ.
އީސީ އިން ހުށަހެޅި ކަންކަމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ ގާނޫނު ބުނާ މުއްދަތަށް ބަލާއިރު އިންތިހާބު ބޭއްވެން އޮތް އެންމެ ފަހުގެ ތާރީހެއްގައި ބޭއްވުމަށެވެ.
އެ ތާރީހަށް ބަލާއިރު އެއީ ރޯދައިގެ ފަސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެހެންވީމާ ރޯދަ މަސް ނިންމައިފައި ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބާއްވަން މި ކޮމިޓީން އީސީއަށް ލަފާ ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާނަން ކޮމިޓީގެ ފަރާތުން މިއަދު
ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
އީސީގެ މައިގަނޑު ކަންބޮޑުވުމަކަށްވީ، ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން ދަތިވެފައި، އެދުވަސްވަރު ސްކޫލްތަކުގެ މޮކް އިމްތިހާބު ވެސް ކުރިއަށް ދިއުމެވެ. އެހެންވީމާ ވޯޓްލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ހަމަޖައްސަން ދަތިވާނެ ކަމަށް ބުނެފައިވެ އެވެ.