ސިޔާސީ

އަނެއްކާވެސް ޓޮޕް 10 އުވާލަނީ! ބޭނުންވަނީ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުޞަތު ގެއްލުވާލަން!

ދިޔަވަރު
އަނެއްކާވެސް ޓޮޕް 10 އުވާލަނީ! ބޭނުންވަނީ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުޞަތު ގެއްލުވާލަން!

މުއިއްޒުގެ ސަރުކާރުން ޓޮޕްޓެން އާއި، ހައި އެޗީވަރސް ނުހޮވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ހާމަކޮށްފައެވެ. މިކަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ އެއްވެސް ދިރާސާއެއް ކުރެވިގެން، މިކަމަށް ފަރުވާތެރި ކަމާއި އެކު ވިސްނާވަޑައިގެން ނޫންކަން، އެބޭފުޅާ ދެއްވި އިންޓަރވިއު އިން ފާހަގަ ކުރެވުނެވެ.

މި ގޮތުން ޓޮޕް 10 ފާހަގަ ނުކުރަންވީ 4 ސަބަބެއް އެޑިޔުކޭޝަން މިނިސްޓަރ ފާހަގަ ކޮށްފައިވާއިރު، އެއިން ކޮންމެ ކަމަކަށް ވަކި ވަކިން ބަލާލާނަމެވެ.

1 - އެންމެ ފުރަތަމަވެސް ވިދާޅުވީ، ރައީސް މައުމޫނު ދައުރުގައި ޓޮޕްޓެން ފާހަގަ ކުރަން ފެށީ، ތައުލީމުގެ މުހިންމު ކަން އަންގައި ދިނުމަށް ކަމަށާއި، އެއީ އޭރަށް ވަރަށް ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް މިހާރު ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. މިހާރު ހުރިހާ ރަށެއްގައި ސުކޫލު އެބަހުރި ކަމަށާއި އެހެން ކަމުން އެ "އެންކަރޭޖްމެންޓެއް" ބޭނުން ނުވާކަމަށެވެ.

  • ޓޮޕް 10 ހޮވަން ފެށުނީ ބައެއް ރަށްރަށުގައި ސްކޫލެއް ނެތް ދުވަސްވަރެއްގައި ކަމަށް ވިޔަސް، އެއަކީ އެކަޑަމިކް އެކްސެލެންސް ބަލައިގަތުމުގެ މުހިންމުކަން ކުޑަވާން ޖެހޭ ސަބަބެއް ނޫނެވެ. ތައުލީމީ ހަމަހަމަކަމުގެ މާނައަކީ ކާމިޔާބީ ބަލައިގަތުން ދޫކޮށްލުމެއް ވެސް ނޫނެވެ. ސްކޫލްތައް ޤާއިމުކުރެވިފައިވީނަމަވެސް، އެންމެ މަތީ ދަރަޖަ ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމުން މުޅި ރާއްޖޭގައި، ތައުލީމު ކުރިއަރާދިއުމަށް މަގުފަހިވެފައިވާއިރު، ތައުލީމީ ކުރިއެރުމަށް މިކަމުން ހެޔޮއަސަރު ކޮށްފައިވާކަމަށް އެބަސްވެ މިކަން ހުއްޓާލުމަކީ ހަމަޖެހޭ ކަމެކެއް ނޫނެވެ.

2 - ދެން ވިދާޅުވީ މީގެ ސަބަބުން ދަރިވަރުންނަށް ޕްރެޝަރ ކުރާނެ ކަމަށާއި، އެއީ ނަފްސާނީ ދުޅަހެޔޮ ކަމަށް އެއިން އަސަރުކުރާނެ ކަމެއް ކަމަށެވެ.

  • މިކަމުގައި ދެ ނުކުތާއެއް ފާހަގަ ކޮށްލަން ޖެހެއެވެ. ފުރަތަމަ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދަރިވަރުން ކިޔަވައި ނިމިގެެން ނުކުންނަނީ މަސައްކަތުގެ މާހައުލަށްކަމެވެ. ނޫނީ މަތީ ތައުލީމު ހޯދުމަށްކަމެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ޕްރެޝަރ އެބަ އާދެއެވެ. ޕްރެޝަރ އަކީ އޭގެ ޒާތުގައި ގޯސް އަދި ރަނގަޅު އެއްޗެއްވެސް ނޫނެވެ. އެހެންކަމުން ޕްރެޝަރ އިން ނަފްސާނީ ދުޅަހެޔޮ ކަމަށް ނުބައި އަސަރު ކުރާނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވުމަކީ ގޯހެކެވެ. ދަރިވަރުން ދަސްކުރަން ޖެހޭނީ ޕްރެޝަރ ގައި މަސައްކަތް ކުރާނެ ގޮތެވެ. އެ ޕްރެޝަރ ދަނެގަނެ، އޭގެ ބޭނުން ރަނގަޅަށް ހިފައިގެން މަސައްކަތް ކޮށް، ކާމިޔާބު ހާސިލު ކުރާނެ ގޮތެވެ. އަޅުގަނޑުމެންގެ ދަރިން، ތަރުބިއްޔަތުކޮށް ތައުލީމު މިދެނީ މުޖުތަމައުތެރެއަށް ނެރުމަށެވެ. މުޖުތަމަޢުގައި ޕްރެޝަރ ވެސް އެންޒައިޓީވެސް އެބަ އޮތެވެ. ޤައުމު ބޭނުންވަނީ އެ ޕްރެޝަރ އަށް ކުރިމަތި ލެވޭ ތައުލީމީ ދަރިންތަކެކެވެ.
  • ދެވަނަ އަށް ފާހަގަ ކޮށްލަން ޖެހެނީ، ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި، މިނިސްޓަރަށް އެހުންނެވި ބޭފުޅާ، އެވިދާޅުވި ގޮތާއި ޚިލާފަށް، މޮޅު ނަތީޖާއެއް ނެރުމަށް ކުރާ މަސައްކަތުން، ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ އަސަރު ކުރާ ކަމެވެ. ކެރޮލް ޑްވެކް އާއި އޭނާގެ ޓީމުން ކުރި މިފަދަ ދިރާސާތަކުން ސާފުވެ އެނގިގެން ދިޔައީ، އެންމެ މަތީ ގްރޭޑް ހޯދުމަށް، ނުވަތަ ކުރިއެރުމުގެ ފިކުރުގައި ކުރާ މަސައްކަތުން، ދިމާވާ ގޮންޖެހުންތަކާއި ނާކާމިޔާބީތަކަކީ، ހުރި ހުރަސްތަކެއް ކަމަށް ބަލައި ނާއުންމީދު ވުމުގެ ބަދަލުގައި ކުރިއެރުމަށް ހުރި ފުރުޞަތުތަކެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިޔުމަށް ސިކުޑި ހުޅުވިގެން ދާކަމަށެވެ. ފްލޯ ތިއަރީގައި މިހާލީ ސިކްސްޒެންޓްމިހާލީ ވެސް ފާހަގަ ކޮށްފައިވަނީ ދަރިވަރުންގެ ކުރިއެރުމަށް ގޮންޖެހުންތަކުގެ ތެރެއިން އުފާވެރިކަން ގެނެސްދޭ ކަމަށެވެ. އެކަމަށް ބޭނުންވަނީ ގައިޑެންސް އާއި ސަޕޯޓް ސިސްޓަމެކެވެ. މިފަދަ އެތައް ނަފްސާނީ ދިރާސާތަކެއް ބާރު އަޅަނީ، މުއިއްޒު މިނިސްޓަރު ކަމަށް ގެނައި، ޝާފިޢު އެ ވިދާޅުވާ ވާހަކައާއި ސީދާ ދެކޮޅަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ތައުލީމާއި ބެހޭ ވަޒީވަރު މިކަހަލަ ވިސްނުން ކޮށި އެޓިޓިއުޑެއް ގެންގުޅުއްވާތީއެވެ. މީގެ ގެއްލުން އެތައް ޖީލަކަށް ފޯރާނެތީއެވެ.

3 - ތިންވަނައަށް ވިދާޅުވީ ސްކޫލްތަކުގައި ނުރައްކާތެރި ވާދަވެރިކަމެއް އުފެދި، ބައެއް ސުކޫލްތަކުން ތައުލީމީ ފުރުޞަތު ބޭނުންވާ ކުދިން ބާކީވާ ކަމަށެވެ.

  • ސްކޫލުތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ކުރިއެރުމަށް އެއްބާރު ލިބޭހެން ރަނގަޅު ވާދަވެރި މާހައުލެއް ގާއިމުކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ. އެ ޒިންމާއިން ރެކެން މިފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިފަދަ ކަންކަމަށް ގަވާޢިދުތަކުގެ ތެރެއިންވެސް ހައްލު ގެނެވޭނެއެވެ. ދުނިޔޭގައި ކާރު ފުރަތަމަ އުފެއްދުމާއި އެކު، އެކްސިޑެންޓް ހިނގަން ފެށިއެވެ. ކާރު ބޭނުން ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ގަވާއިދުތައް އެކުލަވާލެވުނެވެ. މަގު ހުރަސް ގާއިމު ކުރެވުނެވެ. ޓްރަފިކްލައިޓް އެކަމަށް އުފެއްދިއެވެ.

4 - ދެން ވިދާޅުވީ ޓޮޕް އެޗިވަރސް ނެގުމަކީ މި ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި އެއްވެސް ގޮތަކަށް ތާއިދު އޮތްކަމެއް ނޫން ކަމަށެވެ.

  • އެ ވިދާޅުވީ ވެސް އިތުރުފުޅެކެވެ. ޓޮޕް އެޗީވަރސް ދެނެގަނެ އެކަން ފާހަގަ ކުރުމަށް ދެކޮޅުވެރި ވަނީ، Progressivism އާއި، Democratic Education ފަދަ ތަޢުލީމީ ނިޒާމު ޤަބޫލު ކުރާ ފަރާތްތަކެވެ. ނުވަތަ އެފަދަ ތައުލީމީ ފަލްސަފާތަކުން ފާސް ހޯދާފައިވާ ފަރާތްތަކެވެ. މި ފަހަކުން، މިފަދަ ނިޒާމުތައް ރާއްޖެއަށް ގެނެސް، މިއީ ތަޢުލީމު ހަމައެކަނި ދޭންޖެހޭ ފިލޯސަފީކަމަށް މީހުންނަށް ވިސްނައި ދިނުމަށް މަސައްކަތް ކުރި ކުރުމަކީ، އެކަމުގެ ސަބަބުން ތަޢުލީމީ ނިޒާމުގައި ވަރަށް ބޮޑެތި ގޯސްތައް ހެދިފައިވާ ކަމެކެވެ.

އަޅުގަނޑުމެން ބަލަންވީ ހުރިހާ ތައުލީމީ ފަލްސަފާއަކުންވެސް، ރާއްޖޭގެ ތައުލީމީ ނިޒާމުގެ ހުރި މައްސަލަތަކަށް ހައްލު ހޯދުމަށެވެ. ވަކި ގޮތެއް ގޯސްކޮށް އެއްވެސް އަސާސެއް ނެތި، އިންޓަރނެޓުން ތިމާ ކިޔާފައިވާ 3 އާޓިކަލް އެއްގެ މައްޗަށް ބިނާކޮށް، މިނިސްޓަރު ކަމަށް އައްޔަން ކުރާ މީހަކު އަމަލު ކުރަން ފަށައިފިނަމަ ނުކުންނާނެ ނަތީޖާ އަކާއި މެދު ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ. އެކަމުން ގެއްލިގެން ދާނީ އެތައް ދަރިވަރުންގެ އުންމީދު ތަކެވެ. މަތީ ތަޢުލީމަށް އޮތް ފުރުޞަތު ތަކެވެ. ޕީޕީއެމްގެ ކުރީ ސަރުކާރުންވެސް، ގަދަ ދިހައެއް ހޮވޭ ކުދިންގެ އުސޫލުތައް ބަދަލުކޮށް، ރައީސްގެ ސްކޯލަރޝިޕްތައް މަދުކޮށް، ރާއްޖެއިން ބޭރުން މަތީ ތައުލީމަށް އޮތް ފުރުޞަތު ހަނިކުރިއެވެ.