ސިޔާސީ

ފުށިދިއްގަރު؛ ބޮޑު ސްކޭމެއް! މާލެ މީހުން މާލެއިން ބޭލުމަށް!

ދިޔަވަރު
ފުށިދިއްގަރު؛ ބޮޑު ސްކޭމެއް! މާލެ މީހުން މާލެއިން ބޭލުމަށް!

މައްސަލަ ފެށިގެން ދަނީ ކެމްޕެއިނުގެ ތެރެއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މާލެ ރަށްވެހިންނަށާއި، މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް ގޯތި ދިނުމަށެވެ. އުތުރު ތިލަފަޅާއި، ގުޅީ ފަޅުން ގޯތިދީ، އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާށެވެ. އަދި 17 ނޮވެމްބަރު 2023 ގެ ނިޔަލަށް ސަރުކާރުން ބިންހިއްކުމުގެ މަސައްކަތުގެ %98 ނިންމިއެވެ.

މުއިއްޒުގެ މެނިފެސްޓޯއާއި ސިޔާސަތުތައް އެކުލަވާލި އިރު، މާލެއަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ހައްލު ރައީސް ސޯލިހް ވަނީ ހޯދާނެ ގޮތް ނިންމާފައެވެ. އެ ޕްލޭން ކޮޕީ ކުރެވޭކަށް ނެތެވެ. އާ ޕްލޭނަކަށް ދައްކަން ޖެހުނީ ފުށިދިއްގަރު ފަޅެވެ. އެތަން ތަރައްޤީކޮށް "ޓޯޓަލް ސޮލިއުޝަނެއް" ދޭނޭ ކަމުގެ ވައުދު ވިއެވެ.

ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން 3 ވަނަ އަށް ވީދުވަހު، ސަރުކާރުން ދޫކޮށްފައި ގޯތި ތަކުގެ ސައްޙަކަމާއި މެދު ދުވާލު އުފައްދިއެވެ. އަދި ދެވަނަ ބުރުގައި ދޭނެ ކަމަށް ބުނެފައިވާ އެއްވެސް ގޯއްޗެއްވެސް، ފްލެޓެއްވެސް ނުލިބޭނޭކަމަށް އެންގިއެވެ.

ރައީސް ސޯލިހްގެ ވައުދުފުޅެއް ފުއްދެވުމަކަށް މުއިއްޒެއް ބޭނުން ފުޅެއް ނުވެއެވެ. ރައްޔިތުންނަށް ގެދޮރޮވެރިކަން ގާއިމު ކުރެވޭނެ ހަމައެކަނި މަގަކީ އެއީ ކަމުގައި ވީނަމަވެސް، އެކަން ކުރާކަށް މުއިއްޒު އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ.

ހައުސިންގ މިނިސްޓަރު ކަމުގައި އެތައް ދައުރަކު ހުރި މީހަކު، ރައީސް ކަމަށް އައިސް، އޭނާގެ ނަމަށް ގޯއްޗާއި، ފްލެޓް ނުދެވި، އެހެން މީހެއްގެ ނަމުގައި އެކަން ކުރަން ބޭނުން ނުވާނެ!

މި ވަމުންދާ ގޮތް ކިޔައިދެމުން ހައުސިންގ މިނިސްޓަރީގެ އިސް ބޭފުޅަކު ކިޔަދެއްވިއެވެ.

މުއިއްޒުގެ ޕްލޭނަކީ ފުށިދިއްގަރު ފަޅެވެ. އެއީ ކ އަތޮޅުގެ ފަޅެކެވެ. އެ ތަނަކީ ބްރިޖް އެޅޭ ވަރަށްވުރެ ދުރު ފުން ސަރަހައްދެއް ކަމަށް މުއިއްޒުގެ ހައުސިން މިނިސްޓަރު ހައިދަރު ވެސް ވިދާޅުވިއެވެ. އެތަނެކޭ ކ. މާފުށްޓެކޭ، ކ. ގުރައިދޫ އެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެތަނަށް ބާރަށް ދަތުރުކޮށްފައި ދެވެނީ، 20-30 މިނިޓުންނެވެ. މާފުއްޓަށްވެސް 20 މިނުޓުން ދެވެއެވެ. އެއީ ގްރޭޓާ މާލެއެއް ނޫންނެވެ. އެއީ މާލެއާއި ގުޅުން ހުރި ތަނެއްވެސް ނޫނެވެ. އެތަނަށް މާލޭ ރައްޔިތުން ހިޖުރަކުރުވަން ޖެއްސުމަކީ، މާލެއިން މާލެ މީހުން ބޭލުމެވެ.

މާލެ މީހުންނާއި، މާލޭގައި 20 އަހަރަށް ވުރެ ގިނަ އަހަރު ދިރިއުޅެފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދަ ދިނުމަށް ހެޔޮ ރަނގަޅު މަޝްރޫއެއް ރައީސް ސޯލިހް ފައްޓަވާގައި އޮއްވާ، އެއީ މުއިއްޒަށް އެކަމުން ކެރެޑިޓާއި ރީތި ނަން ނުލިބިދާނެ، ކަމެއް ކަމަށް ބަލައި، އެކަން ނުކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރުން ތައްޤީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ރޭވިއަސް އެކަމަށް، ދެން އަންނަ ސަރުކާރަކުން އެއްބާރުލުން ދޭން ޖެހެއެވެ. ވަކި ފަރުދެއް، ޤައުމަށްވުރެ ބޮޑުނުވާ އުސޫލަކީ އެއީއެކެވެ.

މާލެއަށް ވުރެ ބޮޑު ސިޓީއެއް ހަދަން ބިން ހިއްކަނީ ކީއްވެ؟

މުޅިން އާ ސިޓީއެއް ހަދާއިރު ކީއްވެބާ ބިން ނުހިއްކާ، ބޮޑެތި ބިންތައް މިހާރު މިއޮތް ޕްލޭންގައި ތަރައްގީ ނުކުރަނީ؟ މިސާލަކަށް އައްޑޫ. ލ. ގަން!

ސޯޝަލް މީޑިޔާގައި މިކަމާއި ގުޅިގެން މީހަކު ސުވާލު ކުރިއެވެ.

ތިން މަސްތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް މުއިއްޒުވަނީ ކެމްޕެއިނުގައި ވިދާޅުވެފައެވެ. ބޭނުންވަނީ މަޖިލިސް އިންތިހާބަށް ލާރި ނަގާނެ ގޮތެއް ހޯދުމެވެ. ބޮޑު އަގުގައި ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި، ކޮންޓްރެކްޓަރ އަތުން އެފައިސާ ނެގުމަކީ މުއިއްޒަށް އާ ޖަރީމާއެއް ނޫނެވެ.

ރައްޔިތުންގެ ހައްޤުތަކާއި، ރައްޔިތުންގެ ބޭނުންތައް މުހިންމު ވެގެން މުއިއްޒު ވެރިކަން ކުރަން އުޅޭކަމަށް ޤަބޫލު ކުރަން މިހާރުވަނީ ދަތިވެފައެވެ. ފެންނަމުން ދަނީ، ބާރުވެރިކަން ހޯދުމަށް ފައިސާ ޖަމާކުރަމުންދާ މަންޒަރެވެ. އެއީ މާލެ މީހުން މާލެއިން ބޭރުކޮށްގެން ވިއަސް މުއިއްޒު ކުރާނޭ ކަންކަމެވެ. ކޮރަޕްޝަނާއި ފަސާދައިގެ ދަންތުރާގައި ޖެހިގެން ޤައުމު ފަނާވެ ދާތަން ބަލަން އަދިވެސް ތިބެންވީތޯއެވެ؟