ދީނަށް ފުރައްސާރަކޮށްފައި ތިބި ބައެއް ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަންކުރެއްވުމުން ޖަމްއިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު، އަލީ ރަމީޒުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަލީ ރަމީޒު ކުރި ޓުވީޓެއްގައި ވަނީ، އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށްފައި ތިބި މީހުންނަށް މި ސަރުކާރުން މަތީ މަގާމުތައް ދޭނެކަމަށް ކުރިން ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އެމީހަކު މުރުތައްދުވެ، ދީނުން ބޭރުވާނެ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.
އަލީ ރަމީޒު މިފަދައިން ބުނެފައިވާއިރު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން ލުބްނާ މުހައްމަދު ޒާހިރު އައްޔަން ކުރެއްވުމާ ގުޅިގެން ބައެއް އާންމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މީގެ އަހަރުތަކެއްް ކުރިން އިސްލާމްދީނާ ގުޅުވައިގެން ލުބްނާ ކުރައްވާފައިވާ ޓުވީޓުތައް ހިއްސާކޮށް އާންމުން ވަނީ، އެފަދަ މަގާމަށް ދީނަށް ފުރައްސާރަ ކުރެއްވިކަމަށް ތުހުމަތުކުރެވޭ ބޭފުޅަކު އައްޔަންކުރެއްވުން ރަނގަޅު ނުވާނެކަމަށް ބުނެފައެވެ.