އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ބޮޑެތި ދަރަނި ނަގައިގެން ފެށުމުގެ ހިތި ނަތީޖާ ތަރައްގީވަމުން އަންނަ ގައުމުތަކުން ދެކެމުންދާއިރު، ނޭޕާލުގެ އެންޓި ކޮރަޕްޝަން އޮފިޝަލުން ވަނީ ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިނޭންސްކޮށް ހަދާފައިވާ އެގައުމުގެ އެއާޕޯޓެއްގެ މައްސަލަ ބަލަން ފަށައިފަ އެވެ.
ނޭޕާލްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޕޮކާރާގައި 216 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާޕޯޓު އެޅުމަށް ޗައިނާއިން ލޯނު ދޭން އެއްބަސްވީ މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. ނޭޕާލުން ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސީ ޗައިނާގެ ކުންފުންޏެކެވެ. އެއެއާޕޯޓަށް ބައިނަލްއަގްވާމީ އެއްވެސް ފްލައިޓެއް ގެނައުމަށް ނުކުޅެދިފައިވާތީ، ޗައިނާއަށް ލޯނު އަދާ ކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ، މާލީ ބުރަ ކުޑަކުރުމުގެ ގޮތުން ލޯނު ހިލޭ އެހީއަކަށް ބަދަލުކުރުމަށް ނޭޕާލްގެ އޮފިޝަލުން ބެއިޖިންގައި އެދުނު ނަމަވެސް ޗައިނާއިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
މިދިޔަ މަހު ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީއޭއެމްސީއިން ވަނީ އެ މަޝްރޫއުގެ އަގު ބޮޑުކޮށް، އަމިއްލަ ވިޔަފާރީގެ މަސްލަހަތަށް އިސްކަންދީ، މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް ނޭޕާލުން ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާހެން މަސައްކަތަށް ބަދަލު ގެނެސްފައެވެ. އެއާޕޯޓުގެ މަސައްކަތް ބަލަހައްޓާ އެޖެންސީ، ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މާ ބޮޑު ދެކޮޅުވެރިކަމެއް މިކަމާއި މެދު ނުދެއްކީ، ދެ ގައުމަށް ވެސް މުހިންމު މަޝްރޫއަކާ ގުޅިގެން ބެއިޖިން އަށް ނުތަނަވަސްކަން އުފައްދަން ބޭނުން ނުވާތީ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އެ ލިޔުން ޝާއިއުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނޭޕާލްގެ ކޮމިޝަން ފޯ ދަ އިންވެސްޓިގޭޝަން އޮފް އެބިއުސް އެންޑް އޮތޯރިޓީން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޕޮކަރާ އޮފީސްތައް ބަލައި ފާސްކޮށް އެ ޕްރޮޖެކްޓާ ގުޅުން ހުރި ލިޔެކިޔުންތައް އަތުލައިގެންފަ އެވެ.
އެންޓި ކޮރަޕްޝަން އެޖެންސީގެ ތަރުޖަމާނު ބޯލާ ދަހަލް ވިދާޅުވީ އެއާޕޯޓުގެ ތަހުގީގެއް ކުރިއަށްދާ ކަމަށާއި ނަމަވެސް އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށެވެ.
ބެއިޖިންއިން ވަނީ ޕޮކަރާ އެއާޕޯޓަކީ ނޭޕާލާއެކު ހިންގާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ "ފްލެގްޝިޕް ޕްރޮޖެކްޓް" ކަމަށް ކަނޑައަޅައިފަ އެވެ.
އެއާޕޯޓުގައި މަސައްކަތް ކުރި ބައެއް އިންޖިނިއަރުން އިންވެސްޓިގޭޓަރުންނަށް، އިމާރާތުގެ ކޮލިޓީ އަށް ބުރޫ އަރާފައިވާ ކަމަށާއި މަޝްރޫއުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ދީފައިވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ތަހުގީގެއް ހިންގާކަން އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެގައުމުން ބޭރުގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން އަބަދުވެސް އެތިބޭ ޤައުމެއްގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.