ސިޔާސީ

އުތުރު ތިލަފަޅުގައި އަޅަމުންދާ އިންޑިޔާގެ ބިޔަ މިލިޓަރީ ބޭހުގައި ތިބި އެތައް ސަތޭކަ އިންޑިޔާ ސިފައިންނަށް ވީ ކިހިނެއް؟

ދިޔަވަރު
އުތުރު ތިލަފަޅުގައި އަޅަމުންދާ އިންޑިޔާގެ ބިޔަ މިލިޓަރީ ބޭހުގައި ތިބި އެތައް ސަތޭކަ އިންޑިޔާ ސިފައިންނަށް ވީ ކިހިނެއް؟

އުތުރު ތިލަފަޅަކީ އިންޑިޔާގެ ބާރުގައި އޮތްތަނެއް ކަމަށާއި، އެތަނަށް ދިވެހިންނަށް ނޭރޭކަމަށާއި، އެތާގައި އެތައް ސަތޭކަ އިންޑިޔާ ސިފައިން ތިބިކަމަށް، މުއިއްޒު ވެރިކަމަށް އައުމަށްޓަކައި އޭނާގެ ފަރާތުން ފަތުރަމުން ދިޔަ ވާހަކަތަކުގައި ކިޔަމުން ދިޔައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ތިން "ނޫސްވެރިން" އެތަނަށް ގޮސް، އިންޑިޔާ ބަހުން އެތާހުރި ދިވެހި ސިފައިންގެ ބޭކަލަކާއި ވާހަކަ ދައްކާ ވީޑިޔޯކޮށް، އެއީ އިންޑިޔާ ސިފައިން އެތާގައި ތިބި ކަމުގެ ދަލީލެއްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަދި އެކަން ގަބޫލުކޮށް އުތުރު ތިލަފަޅުގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލަށް އެތައް ބަޔަކު މުއިއްޒަށް ވޯޓު ދިނެވެ.

ނަމަވެސް، ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ހާމަ ކުރެއްވީ އުތުރު ތިލަފަޅުގައި ހަމަ އެންމެ އިންޑިޔާ ސިފައިންގެ މީހަކުވެސް ނެތް ކަމަށެވެ.

އޭރު ދެން ވިދާޅުވީ އުތުރު ތިލަފަޅަކީ އިންޑިޔާގެ މިލިޓަރީ ބޭހެއް ކަމަށެވެ. އެ އެގްރިމެންޓުގެ ދެލިކޮޕީއެއް އޮތްކަމަށް ބުނެ، ތަކުރާރުކޮށް ރައްޔިތުންނަށް އޮޅުވާލިއެވެ. މިލިޓަރީ ބޭހުގެ ކުރެހުންތައްވެސް މުއިއްޒުގެ ކެމްޕެއިން ޓީމުން މީހުންނަށް ދެއްކިއެވެ. ކޮންފަދަ ބިރިވެރި ކަމެއް ތޯއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އުތުރު ތިލަފަޅު ދިވެހި ހުރިހާ ނޫސްވެރިންނަށް ދައްކާލިއެވެ. އެންމެ އިންޑިޔާ ސިފައިންގެ މީހެއްވެސް ނޫސްވެރިންނަށް ނުފެނުނެވެ. ނަމަވެސް އެވާހަކަ ޤަބޫލު ކުރާނެ ބަޔަކު އޭރު ނުވިއެވެ. ހުރިހާ ނޫސް ތަކެއްވެސް ހުރީ ގަނެލާފައެވެ. އެގޮތަށް އެމްޑީޕީއިން ގަނެފައިވާ ނޫސްވެރިއެއް މިއަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރަކަށް ވެސް އެބަ އިންނެވިއެވެ.

އަދިވެސް އިންޑިޔާގެ "މިލިޓަރީ ބޭހުގައި" މަސައްކަތް އެބަ ކުރިއަށް ދެއެވެ. އޭރާއި މިހާރާއި ހަމަ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އެރު އެ ވިދާޅުވި އިންޑިޔާ ސިފައިންނެއް، މުއިއްޒުގެ ސަރުކާރަކަށް ހޯދާ ހޯދާ ނުފެނުނެވެ. އަދި މިއަދު އިންޑިޔާގެ މިލިޓަރީ ބޭހަކަށްވެސް އެތަނެއް ނުވިއެވެ. އެހެންނަމަ، ގައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް އެ ވިދާޅުވާ މިލިޓަރީ ބޭސް ހުއްޓުވާނެ ތާއެވެ.

ކޮންމެއަކަސް އުތުރުތިލަފަޅުގައި ގާއިމު ކުރަމުންދާ އިންޑިޔާގެ ހިޔާލީ މިލިޓަރީ ބޭސް ހުއްޓުވުމަށާއި، އެތާ ތިބި ހިޔާލީ އިންޑިޔާ ސިފައިން ފޮނުވުމަށް މުއިއްޒަށް ވޯޓު ދިން މީހުންނަށް މިއަދު ވަރަށް ސަލާމެވެ. ތިއީ ހަމަ ޤައުމީ ބަތަލުންނެވެ.