ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އަލަށް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް އެންމެ ފުރަތަމަ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފި އެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަ މަލީހު ޖަމާލު "އަދަދު" އަށް ވިދާޅުވީ ރައީސް ޔާމީންގެ އިތުރުން ވެސް ވަރަށް ގިނަ ފަރާތްތަކުން ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
"އާދެ، އާދެ، މިއީ ރައީސް ޔާމީންގެ ޕާޓީ، ރައީސް ޔާމީންއަކީ މި ޕާޓީގެ ފައުންޑަރު، އެންމެ ފުރަތަމަ ޕާޓީއަށް ސޮއި ކުރެއްވީ ރައީސް ޔާމީން،" މަލީހު ވިދާޅުވި އެވެ.
އައު ސިޔާސީ ޕާޓީއަށް ރައީސް ޔާމީން ސޮއި ކުރެއްވިއިރު، އެމަނިކުފާނު ހުންނެވީ ކޮރަޕްޝަންގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވެވޭނެ އެވެ. އެ ގާނޫނުގެ ދަށުން ގައިދީއަކަށް މަނާވަނީ އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމެވެ.
މޯލްޑިވްސް ނެޝަނަލް ފްރަންޓުގެ ނަމުގައި ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއަށް ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ކުރިން ތިބި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިރޭ 9:00 އިން ފެށިގެން ސޮއި ކުރަމުންނެވެ.