ޚަބަރު

ވަޒީރުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތްތޯ ބަލަނީ!

ދިޔަވަރު
ވަޒީރުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތްތޯ ބަލަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވީ އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 ވަޒީރެއްގެ އެހެން ގައުމެއްގެ ރަށްވެހިކަން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހުގައި އެދުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ ވަޒީރުންގެ ނަންތަކާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތެވެ.

އެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ފާހަގަކުރެއްވީ ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ އަތްޕުޅުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ނުވަތަ ނެތްތޯ ބަލަން އިމިގްރޭޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި، އެއީ އެ އިދާރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައިވާކަމަށެވެ. އެ އިހުތިސާސް ރާއްޖޭގެ އެހެން އިދާރާއަކުން ލިބިފައި އޮތްކަން ސާފުކުރަން އޭނާ އެދުނެވެ.

މަޖިލީހުގެ އިދާރީ މޭޒުން ބުނީ މައުލޫމާތު ސާފުކުރާނެ މަގެއް ގާނޫނުން ބުނެދީފައިނުވާ ކަމަށެވެ.

މަޖިލީހަށް ނަން ހުށަހެޅި ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެހިކަން މީގެ ކުރިން އޮތް ބޭފުޅުންނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރެވެ.

މި މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވީ، އެހެން އިދާރާއަކުން އެ މައުލޫމާތު ނުލިބޭ ނަމަ ސީދާ ރައީސް އޮފީހުން އެ މައުލޫމާތު ހޯދުމަށް އެދުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ވަޒީރުން އައްޔަންކުރައްވަނީ ރައީސް ކަމަށް ވާތީ ކަމަށެވެ.

އެ ހުށަހެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތަކަށް ވަޒީރުކަން ނުކުރެވޭނެކަން ގާނޫނުގައި ބުނާއިރު އެކަން މަޖިލީހުން ސާފުކުރަން ޖެހޭނެ ކަމަށެވެ.

މި ހުށަހެޅުމާ ހިލާފަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ޝައްކު ކުރެވޭ ވަޒީރެއްގެ އަރިހުން އެ މައުލޫމާތު ސާފުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ފާހަގަކުރެއްވީ، ވަޒީރުންނަށް ރުހުން ދިނުމުގައި އެ ފަރާތްތައް އިންޓަވިއުކޮށް މައުލޫމާތު ނުހޯދޭނެ ކަމަށް ބުނާ ސުޕްރީމް ކޯޓުގެ ހުކުމެއް އޮތްކަމެވެ.

އެހެންކަމުން ކޮމިޓީން މިއަދު ނިންމީ އެ މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށް ނިންމާފަ އެވެ.