ޚަބަރު

ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަކަށް ކުރިމަތި ނުލެވޭނެ ކަމަށް ޕީއެންސީ އިން އަންގައިފި

ދިޔަވަރު
ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަކަށް ކުރިމަތި ނުލެވޭނެ ކަމަށް ޕީއެންސީ އިން އަންގައިފި

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުގައި ޕްރައިމަރީ ބޭއްވި ނަމަވެސް އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުކުންނާނީ ޕީއެންސީގެ ޓިކެޓުގައި ކަން ކަށަވަރުވެއްޖެ އެވެ.

ޕީއެންސީގެ އިސް އޮފިޝަލަކު ރާއްޖޭގެ ނޫހަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވި ގޮތުގައި ނޮވެމްބަރު 26 ގައި ބޭއްވި ޕީޕީއެމްގެ ސެނެޓުން ދެ ޕާޓީ އެކުގައި ޕްރައިމަރީ ބާއްވަން ނިންމި އިރު، ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެންވެސް މަޝްވަރާކުރި އެވެ.

"ވަރަށް އަވަހަށް ދެ ޕާޓީގެ ޖޮއިންޓު ސެނެޓެއް ބާއްވާ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެން ފާސްކުރާނެ" އެ އޮފިޝަލު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލް މުއިއްޒު ވަނީ ނަންގަވާފައެވެ. ޕީޕީއެމްގެ މައްޗަށް ބާރު ފޯރުވަމުން ގެންދަނީ މުއިއްޒުގެ ޕީއެންސީއިންނެވެ.

ރައީސް މުއިއްޒު އާ ދެމެދު ޖެހިފައިވާ ސިޔާސީ އެކި މައްސަލަތަކުގެ ސަބަބުން ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުالله ޔާމީން އެ ޕާޓީއާ ދުރަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.