ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުގައި ފުލެޓް ދިނުމަށް އިއުލާނު ކުރި ދާއިމީ ލިސްޓު މި ސަރުކާރުން ބާތިލު ކޮށްފާނެ ފަދަ މޭރުމަކުން ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހުމަދު ވާހަކަ ދައްކަވާފައިވާތީ އާއި ފުލެޓު ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދާތީ އަމިއްލަ އިސްނެގުމުގެ މަތިން އެކަން ހިނގާފައިވާ ގޮތް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ފުލެޓުގެ ކަންކަން ހިނގާފައިވާ ގޮތް ބެލުމަށް ނިންމީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް ލިޔުން ދީފައިވާ ބައެއް ފަރާތްތަކުން އެ ކޮމިޝަނުގެ މެންބަރުންނާ އިއްޔެ ބައްދަލުކޮށް މި ސަރުކާރުން ފުލެޓު ލިސްޓު ބާތިލު ކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުން ކަމަށެވެ.
"އެ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެންނާއި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު މި މައްސަލަ މި ކޮމިޝަނުން ދަނީ އިސްނަގައިގެން ބަލަމުން. އަދި ވަކި ވަކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ވެސް މި ކޮމިޝަނުން ދަނީ ބަލަމުން،" އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލެޓު ލިސްޓުގެ މައްސަލަ ބޮޑުވީ، ވަގުތީ ލިސްޓެއް ނުނެރި، ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ދާއިމީ ލިސްޓެއް ކުރީ ސަރުކާރުން އިއުލާނު ކުރި ހިސާބުންނެވެ. އެ ލިސްޓު ގެޒެޓު ކުރުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް އޭސީސީން އޭރު އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަލުން ދާއިމީ ލިސްޓު އިއުލާނު ކުރީ ވެރިކަން ބަދަލުވުމުގެ އެއް ދުވަސް ކުރިންނެވެ.
އެ ލިސްޓު ނެރުމާއެކު ފުލެޓުތަކުގެ ގުރުއަތު ނެގުން ވެސް ފަށައިގެން ކުރިއަށް ގެންދަން ފެށި އެވެ. ފުލެޓު ލިބުނު ބައެއް ފަރާތްތަކުން އެގުރީމެންޓުގައި ސޮއި ވެސް ކުރި އެވެ. އެ މަސައްކަތް ހުއްޓާލީ ފުލެޓާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އޭގެ އަނެއް ދުވަހު އެންގުމުންނެވެ.
ކުރީ ސަރުކާރުން ދީފައި ހުރި ފުލެޓެއް ވިޔަސް ގޯއްޗެއް ވިޔަސް މި ސަރުކާރުން އަތުނުލާނެ ކަމަށް ބުނެ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ފުލެޓު ލިބޭ މީހުންގެ ކަންބޮޑުވުން އުފެދުނީ މިހާރުގެ ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ފްލެޓު ދޫކުރުމުގެ ކަންތައް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ އިންސާފުން ނޫން ކަމަށެވެ. އަދި ގޯތި ލިބުނު ކަމަށް ބުނެ ދޫކޮށްފައިވާ ރަޖިސްޓްރީގެ ސައްހަކަމާމެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.