އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ތުރުކީއަށް ވަޑައިގެން އެންމެ އެއްބަސް ވުމެއްގައި ދެ ސަރުކާރު ދެމެދު މުއިއްޒު ސޮއެ ކުރައްވާފިއެވެ. އެންމެ އެއްބަސް ވުމެއްގައި ސޮއެ ކޮށްލުމަށް މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކު ބޭރު ޤައުމަކަށް ދައުލަތުން ޚަރަދުކޮށްގެން ރަސްމީ ދަތުރެއް ކުރައްވާފައެއް ނުވައެވެ. ރައީސަކު ވަޑައިގަންނަވާ ރަސްމީ ދަތުރެއްގައި ނަމަ، ދެގައުމުގެ ދެމެދުގައި މަދުވެގެން 5 ނުވަތަ 10 ވަރަކަށް އެއްބަސް ވުމުގައި އާންމު ކޮށް ސޮއެ ކުރައްވާނެއެވެ.
"އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގެ ނަމުގައި މުއިއްޒު ސޮއެ ކުރެއްވި އެއްބަސް ވުމަކީ އާންމު ކޮށް ޤައުމުތަކާއި އެކު ތުރުކީއިން ސޮއެ ކުރާ އާދައިގެ އެއްބަސް ވުމަކެވެ. 2021 ގެ ނިޔަލަށް މިފަދަ 20 އެއްބަސް ވުމުގައި ތަފާތު 20 ޤައުމަކާއި އެކު ތުރުކީއިން ސޮއެ ކޮށްފައިވެއެވެ.
މިއީ އާންމު ޖެނެރަލް ވިޔަފާރި އެއްބަސް ވުމަކަށް ވުމުން، މިއެއްބަސް ވުމުގައި ވިޔަފާރީގެ ވަކި ދާއިރާއަކުން ރާއްޖެއަށް މަންފާ ލިބޭނޭ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ، އެހެންކަމުން މި އެއްބަސްވުމަކުން ރާއްޖެއަށް ވިޔަފާރީގެ ރޮނގުން އަދި އިޤްތިޞާދީ ރޮނގުން އިތުރު އެއްވެސް ފައިދާއެއް މިވަގުތު ކުރާނެކަމަކަށް ނުބެލެއެވެ. އެކި ޤައުމުތަކާއިއެކު ތުރުކީއިން ކޮށްފައިވާ މިފަދަ އެހެން އެއްބަސްވުންތައް ދިރާސާ ކޮށްލުމުންވެސް މިކަން އިތުރަށް ސާފުވެގެން ދިޔައެވެ.
30 ޖެނުއަރީ 2022 ގައި ތުރުކީގެ ފޮރިންގ މިނިސްޓަރ ރާއްޖެ ވަޑައިގެން 5 އެއްބަސް ވުމެއްގައި ސޮއެ ކޮށްފައިވާކަމަށް ތުރުކީގެ މީޑިޔާތަކުން ވަނީ ހާމަ ކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއެ ކޮށްފައިވަނީ ރާއްޖޭގެ ކަމާއި ބެހޭ ވުޒާރާތަކުންނެވެ. 5 އެގްރިމެންޓްގައި ތައުލަތުން މާލިއްޔަތަށް ބުރަނުކޮށް ސޮއެ ކުރިއިރު، ރާއްޖޭގެ ބަޖެޓަށް ހީނަރުކަން ކުރިމަތިވެފައިވާކަމަށް ބުނެ އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް، ތުރުކީއަށް ވަޑައިގެން އެންމެ އެއްބަސްވުމެއްގައި ސޮއެ ކުރުމަކީ ދިވެހިރާއްޖެއަށް ލިބުނު ގެއްލުމެކެވެ. އަދި މިއީ ސޮއި ކުރުމަށްޓަކައި ޤައުމެއްގެ ރައީސަކު ވަޑައިގަންނަން ޖެހޭވަރުގެ އިޤްތިޞާދީ ފައިދާތަކެއް ހިމެނިފައިވާ އެއްބަސްވުމެއް ވެސް ނޫނެވެ.
ހަރަދު ބޮޑުކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 23 މިލިއަން ރުފިޔާ ޚަރަދުކޮށް، ރަސްމިއްޔާތުގެ ހުރިހާ ކަމަކަށް 100 މިލިއަން ރުފިޔާ ޚަރަދުކޮށް، ދިރިއުޅުއްވާ ގެކޮޅު ބޮޑު ކުރުމަށް ދައުލަތުން އިތުރު 16 މިލިއަން ރުފިޔާ ޚަރަދުކޮށް، އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ތުރުކީއަށް، ވަޑައިގަތުމުން ވެރިކަމަށް އަންނަން މުއިއްޒު ދެއްކެވި ވާހަކަތަކާއި އަމަލާއި ދިމާ ނުވާތީ، ރައްޔިތުންގެ މެދުގައި މުއިއްޒާއި މެދު ހިތްހަމަ ނުޖެހުން ވަނީ އިތުރުވެފައެވެ.