މާކެޓް ރޭޓަށް ވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެމްޓީސީސީއަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭ ކަމަށް ބުނާ ވާހަކަ އެކުންފުނިން ދޮގުކޮށް، އެ މައްސަލަ ބަލައިދޭން އެދެފި އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްވެ ހުންނަވައިގެން އެކުންފުނީގެ އިސް ވެރިންތަކެއް ނާޖާއިޒު މާލީ މަންފާއެއް ލިބޭނެހެން ބޮޑުހިލަ ގަންނަމުންދާ ކަމަށް ބުނެ ހަބަރެއް ޝާއިއު ކުރީ ރާއްޖޭގައި ހިންގާ ނޫހަކުންނެވެ.
އެ ހަބަރަށް ރައްދުދީ އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ލިޔުމަކީ ރައްޔިތުންނަށް އޮޅުވާލައި އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި އެ ނޫހުން ފަތުރާ ހަގީގަތާ ހިލާފު ހަބަރެއް ކަމަށާއި އެއީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި ކުންފުނީގެ އެކިއެކި ބޭނުމަށް ގެނެވޭ މުދަލުގެ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެއްގޮތަށް ކުރިއަށްދާ މުއާމަލާތްތަކެއް ކަމަށާއި އެ ޕޮލިސީގައި މިފަދަ މުއާމަލާތްތަކުގެ ހުއްދަ ދިނުމަށް ވާނީ އެކި މަރުހަލާތަކުގައި ހުއްދަ ދިނުމަށް ގިންތި ކަނޑައަޅައި ޑޮކިޔުމަންޓު ވެސް ކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ.
"މި ކުންފުނިން އަބަދުވެސް އިސްކޮށްފައިވާނީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތަށް. އެގޮތުން ކޮންމެ މުއާމަލާތެއްގައި ވެސް އަމަލުކޮށްފައިވާނީ ރަނގަޅު ގަވަނަންސްގެ ތެރެއިންކަމަށާއި އަދި ވިޔަފާރީގައި ގެންގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކިޓްސްގެ ހަމަތަކާއި މިންތަކާއި އެއްގޮތްވާގޮތުގެ މަތިންކަމުގައި ދަންނަވަން،" އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޓީސީސީން ބުނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ތަހުގީގެއް ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މިހާރު އެދިފައިވާނެ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ހިންގާ ނަމަ ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
"ދިޔަރެސް ނޫހުގެ ހަބަރަކީ ރައްޔިތުންގެ ހިތުގައި މިކުންފުންޏަށާއ،ި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން ހިތާމައާއެކު ފާހަގަކުރަން،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ވެރިންގެ ބޮލުގައި އެއްވެސް ހެއްކެއް ނެތި މިފަދަ ބޮޑެތި ތުހުމަތު އަޅުވަމުން ގެންދަނީ އަބުރު ކަތިލުމުގެ ނުބައި ރޫހުގައިކަން ފާހަގަކޮށް އެކުންފުނިން ބުނީ ހަގީގަތް އޮޅުވާލުމަށް އެ ނޫހުގައި އެކި ފަހަރުމަތިން އެމްޓީސީސީ އާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުންދާ ކަމަށާއި އެއީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ.
އަދި ދިޔަރެސއިން ދޮގު ހަބަރު ފަތުރަނީ ޒާތީ ތައައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަމަށާއި އެމްޓީސީ އާއި އެ ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް އެފަދަ ދޮގު ހަބަރު ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.