ކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ. މުއިއްޒުގެ ކޮއްކޮ ދެފަހަރަށް ކޯޓަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވެއްޖެއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ޤާޒީންނަށް މުއިއްޒުގެ އެންގުމަށް ބިރު ދައްކަމުން ދެއެވެ.
މިދިޔަ ހަފްތާގައި ރައީސްގެ ކޮއްކޯފުޅު ރައީސް އޮފީހުގެ ވަޒީރެއް މެދުވެރިކޮށް، ހައިކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ މައްސަލަގައި ޔާމީން އާއި ދެކޮޅަށް އެޙުކުމް ކުރުމަށް 2 ފަހަރެއްގެ މަތިން ކޯޓަށް ގޮސްފައިވޭ!
މެންބަރު ޔައުޤޫބު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އޭސީސީއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާކަމަށް ޔައުޤޫބު ވިދާޅުވިއެވެ.
ޔައުޤޫބު ވިދާޅުވީ ޕީއެންސީން ކުރިއަށްއޮތް މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް މިނިވަން މުއައްސަސާތަކާއި ކޯޓުތައް ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި މިއީ ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަޤުރީރާއި ފުށުއަރާ ކަންތައްތަކެއް ކަމަށް ޔައުޤޫބު ވިދާޅުވެފައިވެއެވެ.
ޔައުޤޫބު ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރަށްވައިގެން ހުންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަށްވާނެ ބޭފުޅަކަށް ރައީސް ޑރ. މުޢިއްޒު ވެގެންދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ދެފަހަރެއްގެ މަތިން ކޯޓަށް ނުފޫޒު ފޯރުވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.
އެހެންކަމުން ބަހާއި ޢަމަލު ދިމާނުވާ ސަރުކާރަކަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ޔައުޤޫބު މިއަދުވަނީ ވިދާޅުވެފައެވެ.