ސިޔާސީ

ސިވިލް ރައިޓްސް އޮފީސް އުފެއްދީ، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ސަރުކާރަށް ބާރުތައް ޖަމާކުރުމަށް! އެތަނަށް އައްޔަންކުރީ އޭޖީގެ "ވަރަށް ގާތް" ކަނބަލެއް!

ދިޔަވަރު
ސިވިލް ރައިޓްސް އޮފީސް އުފެއްދީ، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ސަރުކާރަށް ބާރުތައް ޖަމާކުރުމަށް! އެތަނަށް އައްޔަންކުރީ އޭޖީގެ "ވަރަށް ގާތް" ކަނބަލެއް!

މަދަނީ ހައްގުތައް ލިބިދިނުމުގައި ގެންގުޅޭ ތަފާތުކުރުންތަކާއި މަދަނީ ހައްގުތައް ހިފެހެއްޓުމާ ގުޅޭ ޝަކުވާތައް ބަލަންކަމަށް ބުނެ، އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން މި ސަރުކާރުން ވަނީ އޮފީސް ފޯ ސިވިލް ރައިޓްސްގެ ނަމުގައި އޮފީހެއް އުފައްދާފައެވެ.

މިފަދަ އޮފީހެއް އުފައްދާފައި ވަނީ، މަދަނީ ހައްޤުތައް ބެލުމަށް އުފައްދާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަން އާއި މިފަދަ މިނޫންވެސް، މިނިވަން މުއައްސަސާ ތަކުގެ ބާރު ކަނޑުވާލުމަށެވެ. ޤާނޫނު އަސާސީއިން މިނިވަން މުއައްސަސާތަކަށް ދީފައިވާ ބާރުތައް، ނެގުމަށް ސަރުކާރުގެ ބަންޑާރަނައިބު ވަކި އޮފީހެއް ހަދައި، އެ މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތް ކުރުމަކީ ބަންޑާރަނައިބުގެ އަތް ޤާނޫނު އަސާސީއިން ދީފައިވާ ހުދޫދުން ބެރަށް ނެރުމެވެ. އަދި ބަންޑާރަނައިބަށް ލިބިފައި ނުވާ ބާރުތަކަކަށް އަރައިގަނެ، ޑިމޮކްރަސީގެ ހަމަތަކުން އިންސާފު ހޯދުމަށް ދީފައިވާ، ޗެކް އެންޑް ބެލޭންސް ނިޒާމު ފުނޑާލައި، ހުރިހާ މަދަނީ ބާރުތަކެއް އެއްކުރުމަށް ހިންގާ ޤާނޫނާއި ޚިލާފު އަމަލެއް ގޮތުގައި ސިފަކުރެވިދާނެ އަމަލެކެވެ.

މިގޮތުން ރާއްޖޭގައި ހުރި، ސިވިލް މައްސަލަތަކަށް ހައްލު ހޯދުމަށް ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ، ހުރިހާ މިނިވަން މުއައްސަސާތަކަށް ބަންޑާރަނައިބު ބާރުފޯރުވުމަށް ރާވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން ތިރީގައި މިވާ މުއައްސަސާތަކަށް ހުށައެޅޭ ކޮންމެ މައްސަލައެއް، ސިވިލް ރައިޓްސް އޮފީހަށް ހުޝައެޅުމުން ބެލުމުގެ ބާރު ސިވިލް ރައިޓްސް އޮފީސް އަށް ލިބިގެންދާނެއެވެ. އެހިސާބުން މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑުނީއެވެ.

  • މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)
  • އިލެކްޝަންސް ކޮމިޝަން
  • އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
  • ޖެންޑަރ އިކުއަލިޓީ ކޮމިޝަން
  • ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން
  • މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މިއީ، ބާރުތައް އެއްކޮށް އަނިޔާވެރިކަމަށް، މުއިއްޒުގެ ސަރުކާރުން ތައްޔާރުވަމުންދާ މިންވަރު ހާމަވާކަމެކެވެ.

މިހެންކަންތައް ކުރުމުން، އާންމު ރައްޔިތުން އިންސާފު ހޯދަން ދާނޭ ދިމާލެއް ނެތި، ސަރުކާރުގެ ވަކިތެރޭ ފިތިގެން ދާނެއެވެ.

ޝަރީއަތާއި ހަމައަށް މައްސަލަ ނުދަނީސް ނުފޫޒު ފޯރުވުން

މި އޮފީހުގެ ސަބަބުން ޝަރީއަތާއި ހަމައަށް މައްސަލަ ނުދަނީސް އޭޖީ އަށް، މައްސަލާގެ ތެރެއަށް ވަދެވޭނެއެވެ. މީީގެ ސަބަބުން އިންސާފު ޤާއިމު ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެން ދާނެއެވެ.

  • މިގޮތުން މައްސަލަ ފެށުމުގެ ކުރިން މައްސަލާގައި ވަކި ފިކުރެއް ގެންގުޅުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި އޭގެ ސަބަބުން އޭޖީއިން ބަލާ މައްސަލަތައް ވެގެން ދާނީ، ވަކިއަތަކަށް ބުރަވެ އިންސާފުން އެއްކިބާވެފައިވާ މައްސަލަތަކަކަށެވެ. މީގެ އިތުރުން މައްސަލާގެ ތަހުގީގަށް ނުފޫޒު ފޯރުވުމާއި، ހެކި ނައްތާލައި، މައްސަލަތައް ބޭނުން ގޮތަކަށް އަނބުރާލަން ބަންޑާރަނައިބަށް ކުރިން ނުލިބޭ ފުރުޞަތު ސިވިލް ރައިޓްސް އޮފީހުން ލިބިގެން ދެއެވެ.
  • ސިޔާސީ ނުފޫޒު ފޯރުވުން: އޭޖީ އޮފީހުގެ ބައިވެރިވުން އިތުރުވުމަކީ ގާނޫނީ މަރުހަލާތަކުގައި ސިޔާސީ ނުފޫޒު މައްސަލަތަކަށް ވައްދަން ހުޅުވާލެވޭ ދޮރެކެވެ. މީގެ ސަބަބުން ޝަރުއީ ދާއިރާގެ ހަމަހަމަ ކަމާއި މިނިވަންކަމަށް ބުރޫ އަރާނެެއެވެ. ހާއްސަކޮށް ސިޔާސީ ކަމެއް އެކުލެވޭ މައްސަލައެއް ނަމަ، މިނިވަން މުއައްސަސާއިން ބަލާ މިންގަޑުން ނުބެލި، މުއިއްޒުގެ ސަރުކާރަށް ފައިދާ ވާނެހެން މައްސަލަތައް ނިންމަން ފެށުމަކީ އިންސާފު ހޯދުމުގައި ދިމާވާނެ އެންމެ ބޮޑު ދައްޗައް ވެގެން ދާނެއެވެ.
  • އޭޖީ އޮފީހުން ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ނުވަތަ ޑިއު ޕްރޮސެސްގެ މިންގަނޑުތަކުން ބޭރުން ކަންކުރަން ފެށުމުން، ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ދެކޭ ގޮތް ބަދަލުވެ، ގާނޫނީ ނިޒާމާ މެދު އާންމުންގެ އިތުބާރު ގެއްލޭނެ އެވެ.
  • މައްސަލަތައް އޮޅުވާލުން: ހަމައެކަނި ގާނޫނީ މެރިޓްގެ މައްޗަށް ކަންކަން ނިންމުމުގެ ބަދަލުގައި ވަކި މަސްލަހަތުތަކަށް ތާއީދުކޮށް މައްސަލަތައް އޮޅުވާލައިގެން ބައްޓަންކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި އޭޖީއަށް ލިބިގެން ދާނެއެވެ.

ސިވިލް ރައިޓްސް އޮފީސްގެ ވެރިއަކަށް ވަގުތީ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއަ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒު ވަނީ ހަމަޖައްސައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އަހްމަދު އުޝާމްގެ އެންމެ އަރިސް އެއްފަރާތެވެ. އަދި މި މަޤާމު ހަމަޖައްސާފައިވަނީ އޭޖީ ތެރެއިން އިތުރަށް މަޤާމުގެ ކުރިއެރުން ދެވެން ނެތިގެންނެވެ. އަދި ފައެނާ އަކީ ކާނަލް ޒިޔާދުގެ ތިމާގެ މީހެއްވެސް މެއެވެ.