ޚަބަރު

ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، ޕީއެސްއެމް ގެ މުއައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފި!

ދިޔަވަރު
ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، ޕީއެސްއެމް ގެ މުއައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފި!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މީހުން ފިޔަވާ އިތުރު ބަޔަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް، ވައުދުވެ ވަޑައިގެންނެވެ. ނަމަވެސް ޕީއެސް އެމް އިން އިއްޔެ، ދައުލަތުގެ މީޑިއާގެ ނިއުސް ރޫމް ހިންގަވަމުން ގެންދެވި މުހައްމަދު އަފްޒަލް މަގާމުން ވަކި ކޮށް، ވަނީ އެހެލާފައެވެ.

ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިއްޔެ ފޮނުއްވި މެމޯއެއްގައިވާ ގޮތުން އަފްޒަލް ދެން ކުރައްވަންޖެހޭނީ "މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް" އެކަންޏެވެ.

އެމަގާމަށް ހަމަޖައްސާފައިވާ އަމީންއަކީ ޒީނާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ. ޒީނާ އޮފީހަށް ނުކުމެވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޮނުއްވި މެމޯގައިވާ ގޮތުން ނިއުސްރޫމް ހިންގުމަށް އަމީންއަށް އެހީތެރިވެދޭނީ ސީނިއާ އެޑިޓަރު އަހްމަދު ޖަދުއާން އަދި މުހައްމަދު ޖިނާހެވެ.

ޒީނާ ޕީއެސްއެމް ހިންގަމުން ދަނީ ރައީސް އޮފީހުން އަންގާ ގޮތަށް ކަމަށާއި، އިތުރު އެތައް ބަޔަކު ވަޒީފާއިން ވަކި ކޮށް، ދައުލަތުގެ މީޑިޔާ މުއިއްޒުގެ ޕްރޮޕްގަންޑާ މެޝިނަކަށް ބަދަލު ކުރުމަށް ކުރަންހުރި މަސައްކަތްތައް ޒީނިއާ ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވި 5 އަހަރު ދައުލަތުގެ މީޑިޔާ ވަކި ކޮޅަކަށް ނުޖެހި، މިނިވަންކަމާއި އެކު، އޮޕަރޭޓް ކުރުމަށް އޮތީ ފުރުޞަތު ދީފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި ބައިވެރިވުމަށް އަމީން ވަނީ ދެ ހަފުތާއެއްހާ ދުވަހަށް ރަސްމީ ގޮތުން އޮފީހުން ވީއްލިފަ އެވެ.

އަމީން ވަނީ މީގެ ކުރިން ދި ޓީވީގައި މަސައްކަތްކޮށްފަ އެވެ. އޭނާ ޕީއެސްއެމްއާ ގުޅުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖަދުއާން އަދި ޖިނާހަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

ނިއުސް ހެޑްގެ މަގާމުން ވަކި ކުރި އަފްޒަލްއަކީ 1999 ވަނަ އަހަރު ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވާ މުވައްޒަފެކެވެ. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަން ވެސް ލިބިވަޑައިގެންފަ އެވެ.