ތުރުކީއަށް ވަޑައިގަތުމަށް، ރައީސް އޮފީހުން އެކުލަވާލި ލިސްޓުގައި، އަބްދުއްރަހީމް (އަދުރޭ) ގެ ނަން ހިމެނުމަށްފަހު، އެންމެ ފަހު ވަގުތު، އަދުރޭގެ ނަން ނަގާފައިވާކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.
ރައީސް އޮފީހުން ޕީއެންސީ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެއްވި ގޮތުގައި، ތުރުކީ އަށް ޒިޔާރަތް ކުރާ ބޭފުޅުންގެ ލިސްޓުން އަދުރޭގެ ނަން ނެގީ، ފޮރިންގ މިނިސްޓްރީގެ ބޭފުޅުން އެކަމަށް އިންކާރު ކުރުމުންނެވެ.
ޑެލިގޭޝަން އާއި، ބޭރުގެ އިއްޒަތްތެރިން ވާހަކަ ދައްކާއިރު، އަދުރޭއަށް އިނގިރޭސި ނޭނގުމާއި، އެބޭފުޅުން ފަރީކުޅުއްވުމެއް ދެއްވިއަސް ބައިނަލްއަގްވާމީ އެޓިކެޓް (ކެއުމުގެ އަދަބުތައް) އެނގި ނުލައްވާތީ، ލަދުވެތިކަމެއް ކުރިމަތި ވެދާނެ ކަމަށް ބަލައި އަދުރޭ ޑެލިގޭޝަން ލިސްޓުން އުނި ކުރި ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ %33 ހިއްސާ އޮންނަ އަދުރޭ އަކީ، ސަރުކާރުގެ އެންމެ އިސްފަރާތެވެ. ނަމަވެސް އަދުރޭ އަކީ ގްރޭޑް 6ގެ ތައުލީމީ ފެންވަރުވެސް ނެތް މީހަކެވެ. ތައުލީމީ މީހުންގެ މައްޗަށް ބަސްކިޔަން ސަރުކާރުގައި އެންމެ އިސްކޮށް ހުންނެވީ އަދުރޭއެވެ.