އަންނަ އަހަަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ ސިޔާސި ކުރިމަގާ ގުޅޭ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.
އަޅުގަނޑު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލާނެ. އަޅުގަނޑުގެ އެހެން މަސައްކަތް ވަރަށް ގިނަ. އެކަމު ރާއްޖޭގައި ގިނައިން އުޅޭނީ!
ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އޭރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރު ކަމުގައި ހުންނައި އެ ޕާޓީގެ ޓިކެޓުގަ އެވެ. އަދި, އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި އެވެ.
އެއަށްފަހު, އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި އެ ޕާޓީން ވަކިވެވަޑައިގަނެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އިސްވެ އުފެއްދެވި އެވެ. އެ ޕާޓީގެ މަގާމެއްގައި އެއްވެސް މަގާމެއްގައި ނުހުންނެވި ނަމަވެސް އެމަނިކުފާނީ އެ ޕާޓީގެ އެންމެ ސީނިއާ ލީޑަރެވެ.
އެމްޑީޕީއަށް ވެރިކަން ގެއްލުމާ އެކު އެ ޕާޓީން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދި އެވެ. އަދި, އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ނުފަށަނީސް އެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވި އެވެ.