ޚަބަރު

މުއިއްޒު ތުރުކީވިލާތުން އަގުބޮޑު ލަގްޒަރީ ގެއެއް ބައްލަވައިގަންނަވަނީ!

ދިޔަވަރު
މުއިއްޒު ތުރުކީވިލާތުން އަގުބޮޑު ލަގްޒަރީ ގެއެއް ބައްލަވައިގަންނަވަނީ!

ރައީސް މުއިއްޒު އެންމެ ފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އަގުބޮޑު ރިސޯޓު ސަރަހައްދަކުން އަގުބޮޑު ލަގްޒަރީ ގެއެއް ބައްލަވައިގެންނެވުމުގެ މުއާމަލާތްތައް ފުރިހަމަކުރައްވަފައިވާކަމަށް "ދިޔަވަރު" އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މުއިއްޒު އަގުބޮޑު ލަގްޒަރީ ގެއެއް ބައްލަވައިގަންނަވަނީ ތުރުކީގެ ސީސައިޑް ރިސޯޓު ޓައުނެއް ކަމުގައިވާ އަންޓަލްޔާއިންނެވެ. މި ސަރަހައްދުގައި ވިއްކާ ލަގްޒަރީ ގެތަކުގެ އަގުތައް އުޅެނީ 10 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރާ ދެމެދުގައެވެ. މުއިއްޒު ބައްލަވައިގެންނަވާ ލަގްޒަރީ ރޯ ހައުސްގެ އަގު އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ތުރުކީއަކީ ބޭރުގެ ފަރާތްތަކަށް ފަސޭހަކަމާއެކު ގެދޮރު ގަނެވޭ ގައުމެކެވެ. އަދި އެގައުމަކީ ދިރިރުޅުމަށްވެސް ފަސޭހަ އަދި ވިޔަފާރީގެ މުހިންމު މަރުކަޒަކަށް ވާތީ, ދިވެހިންގެ ތެރެއިންވެސް މުއްސަދި ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ އެގައުމުން ގެދޮރު ގަނެފައެވެ. އެހެންނަމަވެސް ރައީސް މުއިއްޒުއަކީ މިލިއަން ޑޮލަރުގެ ލަގްޒަރީ ޕްރޮޕަޓީއެއް ބައްލަވައިގެންނެވޭވަރުގެ އާމްދަނީ ލިބޭ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ނުވާތީ, ވެރިކަމަށް ވަޑައިގެންނެވުމާއެކު ކުރައްވާ މި މުއާމަލާތާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ރައީސް މުއިއްޒު ތުރުކީވިލާތުން އާދަޔާ ޚިލާފަށް އަގުބޮޑު ގެއެއް ބައްލަވައިގެންނެވުމާއި ގުޅޭގޮތުން ރަސްމީ އެއްވެސް ފަރާތެއްގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒުއާއެކު މެޑަލް ސާޖިދާވެސް ވަނީ ގެންދަވާފައެވެ.

ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައިކަމަށް ސަރުކާރުގެ ރަސްމީ ފަރާތްތަކުން ވިދާޅުވެފައިވެއެވެ. އަދި މި ދަތުރުދުޅުގައި ރައީސް މުއިއްޒުވަނީ ތުރުކީގެ ރައީސްއާވެސް ބައްދަލު ކުރައްވާފައެވެ.